އިންޑިއާގެ ގުޖުރާތުގެ އަހްމަދުއާބާދު އެއާޕޯޓުން ލަންޑަންގެ ގޭޓްވިކްއަށް ދަތުރުކުރުމަށް ފުރި އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާއަށް ދިމާވެފައިވާ މި ހިތްދަތި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ އިންޑިއާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކު ކަމަށެވެ.

ވެއްޓުނު ފްލައިޓުން 242 މީހުން ދަތުރު ކުރިއިރު، ސަލާމަތްވެފައިވަނީ އެންމެ މީހެކެވެ.

އެ ފްލައިޓު ނައްޓާލިތާ މިނެޓެއް ވެސް ނުވަނީސް، ވެއްޓިފައި ވަނީ އަހުމަދުއާބާދުގައި ހުންނަ ޑޮކްޓަރުންނަށް ހާއްސަ އެކޮމޮޑޭޝަންއަކަށެވެ.

ސަލާމަތްވި ފިރިހެންމީހާ ބުނިގޮތުގައި، ފްލައިޓު ނައްޓާލިތާ 30 ސިކުންތުގެ ތެރޭގައި ވަރަށް ބާރު އަޑެއް އިވުނެވެ. އަދި ދާދި މަދު ވަގުތުކޮޅެއްގެ ތެރޭގައި ބޯޓު ވެއްޓުނެވެ. އޭނާ ބުނާގޮތުގައި، މި ހާދިސާއިން ސަލާމަތްވެވުނު ގޮތް ވެސް އޭނާއަކަށް ނޭނގެއެވެ.