ޕްރަތީކް ޖޯޝީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ދިރިއުޅެމުން އަންނަތާ ހަ އަހަރު ވެއްޖެއެވެ.

ސޮފްޓްވެއާ ޕްރޮފެޝަނަލެއްގެ ގޮތުގައި އެ ސިޓީގައި އުޅެމުންދިޔަ ޕްރަތީކް ޒަމާނުއްސުރެ ދެކެމުން އައި ހުވަފެނަކީ އިންޑިއާގައި ދިރިއުޅެމުން ދިޔަ އޭނާގެ އަންހެނުންނާއި ކުޑަ ތިން ދަރިންނާއެކު  ލަންޑަނުގައި ދިރިއުޅުމެއް ބިނާކުރުމެވެ. އާއިލާއާ ވަކިން އުޅެން އޭނާ ވެސް ބޭނުމެއް ނުވިއެވެ.

އެތައް އަހަރެއް ވަންދެން އިންތިޒާރުގައި ތިބުމަށްފަހު އެންމެ ފަހުން އެ ހުވަފެން ހަގީގަތަކަށް ވާން ފެށިއެވެ.

މީގެ ދެ ދުވަސް ކުރިން އޭނާގެ އަންހެނުން، އުދޭޕޫރުގެ މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ ޑރ.ކޯމީ ވިޔާސް ވަނީ ވަޒީފާއިން އިސްތިއުފާ ދީފައެވެ.

އިންޑިއާއަށް އަލްވަދާއު ކިޔައި، ލަންޑަނަށް ފިރިމީހާއާއެކު އުޅެން ދެވޭތީ އޭނާ އިނީ ނިކަން އުފަލުންނެވެ.

އުއްމީދާއި އުފަލުން ފުރިގެންވާ ފަސް މީހުންގެ އާއިލާ މިއަދު ވަނީ އެއާ އިންޑިއާގެ ފްލައިޓް 171 އިން ލަންޑަނަށް ދާން މަސައްކަތް ކޮށްފައެވެ.

ސެލްފީއެއް ނަގައި ގާތް ތިމާގެ މީހުންނަށް ފޮނުވީ އާ ދިރިއުޅުމަކަށް އެއްކޮޅަށް ދަތުރެއް ފަށައިގެންނެވެ.

ނަމަވެސް އެމީހުންނަށް، އާ ދިރިއުޅުމުގެ މަންޒިލަކަށް ވާސިލެއް ނުވެވުނެވެ. މަންޒިލަށް ދާން ކުރި ދަތުރުވެގެންދިޔައީ، އެހައިމެ ކުރު، އަދި ހަޔާތުގެ އެންމެ ފަހު ދަތުރަށެވެ.

ހިނދުކޮޅެއްގެ ތެރޭގައި އުމުރު ދުވަހުގެ ހުވަފެންތައް އަލިފާންގަނޑަކަށް ބަދަލުވެގެން ދިޔައެވެ. އުފާވެރި ދިރިއުޅުމުގެ ހުވަފެންތައް އަނދައި އަޅިއަށްވީ ހަމަ އެންމެ މިނެޓެއްގެ ތެރޭގައެވެ.

އެ އާއިލާ ވަކިވެގެންދިޔައީ ދިރިއުޅުމަކީ ވަރަށް ނާޒުކު އެއްޗެއްކަން އަހަރުމެންނަށް ބުނެދެމުންނެވެ. ތިބާ ބިނާކުރާ ކޮންމެ އެއްޗެއް، އުއްމީދުކުރާ ހުރިހާ އެއްޗެއް، އަދި ލޯބިވާ ހުރިހާ އެއްޗެއް ވެސް މި ފަނާވަނިވި ދުނިޔެއާ ވަކިވެގެންދާނެކަން ބުނެދެމުންނެވެ.

މިއަދު ވެއްޓުނު އެއާ އިންޑިއާގެ ފްލައިޓުން 242 މީހުން ދަތުރު ކުރިއިރު، ސަލާމަތްވީ އިނގިރޭސިވިލާތަށް ނިސްބަތްވާ، އިންޑިއާ ނަސްލުގެ ފަސިންޖަރެއް އެކަންޏެވެ.