މެނިންގޯކޮކަލް ބަލީގެ ކޭހެއް ރާއްޖެ އިން ފެނުމާ ގުޅިގެން ފެށި ކޮންޓެކްޓް ޓްރޭސިންގެ ހަދައި ނިމުނުއިރު، އެ ބަލީގެ އިތުރު އެއްވެސް ކޭހެއް ފެނިފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.
ރާއްޖެއިން ނުރައްކާތެރި މެނިންގޯކޮކަލް ބަލީގެ ކޭހެއް ފެނިފައިވާކަން އެޗްޕީއޭއިން ހާމަ ކުރީ މި މަހުގެ ހަތްވަނަ ދުވަހުއެވެ.
އެނގިފައިވާ ގޮތުގައި އެ ބަލީގައި މަރުވެފައި ވަނީ އުމުން 24 އަހަރުގެ ޒުވާނެކެވެ.
އެ ކޭހާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދަން ފަށައިހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން މަސައްކަތްކޮށްފައިވެއެވެ.
މެނިންގޯކޮކަލް އަކީ ނޭވާލާ ނިޒާމުގެ ޒަރީއާއިން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލި ޖެހޭތާ 24 ގަޑިއިރުގެ ތެރޭގައި ފުރާނައަށް ވެސް ނުރައްކާ ކުރުވައެވެ.

