ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމައިފިއެވެ.

ރައީސް ނަޝީދާ އެކު އެމްޑީޕީއާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް އެމްޑީޕީ ގުޅިވަޑައިގައިތުމަށް ނިންމާފައިވެއެވެ.

ނަޝީދު އިސްކޮށް ހުންނަވައިގެން ”ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި ޕާޓީއެއް އުފައްދަވައި އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ވެސް ނެރުނެވެ. ނަމަވެސް މާބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެއް ނުވެއެވެ.

އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމެވިއިރު، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ އެކު ދާދި ފަހުން ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ.

ބެލެވޭ ގޮތުގައި ނަޝީދު ބޭނުންފުޅުވެލައްވަނީ އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާށެވެ.

ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމެވިކަން މިއަދު ހާމަކޮށްފައި ވަނީ މޮކްޓްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި ގަރާރެއް ފާސްކުރުމަށްފަހުއެވެ.

އެ ގަރާރުގައި ބުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅު ކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށް ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށެވެ.

އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ހިިނދު، މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށް ގަރާރުގައެވެ.