ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ހދ. އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސް އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން ވަނީ، މުޅި އަތޮޅުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާއި އަތޮޅުގެ ވަކިވަކި ރަށްރަށަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ.
އެގޮތުން، އަތޮޅުގައި ރައްޔިތުންނަށް ފަސޭހަވާނޭ ގޮތަށް ފަތުރުވެރިކަން ތަރައްގީ ކުރުމަށް ބޭނުންވާކަމާއި، އަތޮޅުގައި ވީހާވެސް އަވަހަކަށް ހައުސިން ޔުނިޓު ގާއިމުކުރުމަށް ބޭނުންވާކަމާއި، ކުޅުދުއްފުށީ އެއާޕޯޓަށް ބާއްވާ އުދުހުންތައް މަދުވުމުން ދިމާވާ ދަތިތައް މެންބަރުން ފާހަގަކުރެއްވިއެވެ.
އަދި ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް އެދިވަޑައިގެން، އަތޮޅުގެ ރަށްތަކުގެ ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް ނެތުމުން ދިމާވާ ދަތިތައްވެސް އެބޭފުޅުން ހިއްސާކުރެއްވިއެވެ.
މީގެއިތުރުން އިގުތިސާދީގޮތުން މަންފާ ހޯދުމަށް ބޭނުންކުރުމަށް ހދ. ފަރިދޫ ދޫކޮށްދެއްވައި، އަތޮޅުގައި ފަށާފައިހުރި މަޝްރޫއުތައް އަވަހަށް ނިންމަވައިދެއްވުމަށްވެސް އަތޮޅު ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
އަދި ހދ އަތޮޅު ކައުންސިލުން މި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ކައުންސިލުން ދެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
އަދި ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށްޓަކައި، ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރައްވައިގެން ކުރިއަށްގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

