ހ. ފެންޓެނޯއީ ގެއިން އުމުރުން 21 ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް އަހުމަދު ދާއޫދު ދޮގު ބަޔާނެއް ދިނުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުން އޭނާ ވަކިކޮށްފިއެވެ.

ދާއޫދަކީ މި މައްސަލައިގައި ހިމެނޭ އުމުރުން 22 އަހަރުގެ ރައުދު އަހުމަދު ޒިލާލުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.

އެ މައްސަލަ ތަހުގީގުކުރަން އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހުގީގީ ރިޕޯޓުގައި ވަނީ، ދާއޫދު ދޮގު ބަޔާން ދިން ކަމަށެވެ.

މިކަމާ ގުޅިގެން އޭނާ މަގާމުން ވަކިކޮށްފައި ވާކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ދާއޫދު ވަނީ ޒުވާނުންގެ ކަންކަމުގައި ރައީސަށް ލަފާދޭ ކޮމިޓީގެ ރައީސްކަން ވެސް އަދާކުރައްވާފައެވެ.