ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު  ހުސައިން މުހައްމަދު ލަތީފުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު، ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ބަދަހި ސިޔާސީ ގުޅުމަކީ، ގާތް ރަހުމަތްތެރިކަމާއި، އެއް ބަޔަކު އަނެއް ބަޔަކަށް ކުރާ އިހުތިރާމާއި، ތަރައްގީގެ ދާއިރާއިން ބަދަހިވެފައިވާ ގުޅުންތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ދެފަރާތުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ރަސްމީކޮށް ގާއިމުކުރެވުނީ، 1972 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ.