ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖު ކުރާނެ ގޮތުގައި އެކަމުގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ބާއްވާ ”މަގޭ ސާފު ރާއްޖެ“ ގައުމީ މަހާސިންތާ މިއަދު ލޯންޗްކޮށްފިއެވެ.

ވޯލްޑް ބޭންކްގެ އެހީގެ ދަށުން ބާއްވާ ”މަގޭ ސާފު ރާއްޖެ“ ގައުމީ މަހާސިންތާ އަކީ ރާއްޖޭގެ ހުރިހާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިތުރުން ކުނިމެނޭޖްކުރުމާއި ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް އަދި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ޓޫރިޒަމް ދާއިރާގެ ފަންނީ ބޭފުޅުންނާއި ތަޖުރިބާކާރުން ހިމެނޭހެން 500 އެއްހާ މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މަހާސިންތާއެކެވެ.

މިއީ މާދަމާ އިން ފެށިގެން މި މަހުގެ 23 އަށް ކުރިއަށް ގެންދަން ނިންމާފައިވާ މަހާސިންތާއެކެވެ.

މި މަހާސިންތާ އިފުތިތާހުކޮށް ދެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހީމެވެ.

އެގޮތުން މަހާސިންތާގެ ރަސްމީ ބްރޭންޑިން އާއި ވެބްސައިޓް އަދި ސޯޝަލް މީޑިއާ ހޭންޑްލްތައް މިއަދު ލޯންޗްކުރިއެވެ.

އަދި މަހާސިންތާ ރާވާ އިންތިޒާމްކުރުމުގެ މަސައްކަތް އިވެންޓް މޯލްޑިވްސްއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.