ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދެއްވުމުގެ ގޮތުން ކުރިއަށް ގެންދަވާ އެކި މަޝްރޫއުތަކުގެ ތެރެއިން، ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ 4000 ފްލެޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވައިލައްވައިފިއެވެ.

މި ފްލެޓްތައް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުތަކަށް މިއަދު ހަވީރު ރައީސް ކުރެއްވި ޒިޔާރަތުގައި، މަޝްރޫއުއާ ބެހޭ އެންމެ ފަހުގެ އަދާހަމަ އޮޅުންފިލުއްވެވިއެވެ.

4000 ފްލެޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދުވެލި ހަލުވިކުރައްވައި، ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދެއްވުމަށްޓަކައި، މިދިޔަ 18 މަސްދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

ސަރުކާރުގެ އަމާޒަކީ، މީގެ ތެރެއިން މަސައްކަތް މުޅީން ނިމޭ ޓަވަރުތަކުގައި މިއަހަރު މީހުން ދިރިއުޅެން ފެށުމެވެ. އަދި މި މަޝްރޫޢު ވީހައި އަވަހަކަށް މުޅީން ފުރިހަމަކުރެއްވުމެވެ.

މި ފްލެޓްތަކަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، އުސޫލާ އެއްގޮތަށް ޝަރުތު ހަމަވި ހުރިހާ ފަރާތްތަކަށްވެސް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން، ރައީސް ވަނީ ދެއްވާފައެވެ.

ސަރުކާރުގެ އަމާޒަކީ، ރާއްޖޭގައި މިހާތަނަށް ހިންގޭ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު މި ދައުރުގެ ތެރޭގައި ހިންގެވުމެވެ. މިގޮތުން، މާލެ ސަރަޙައްދާއި ރަށްރަށުގައި ހިޔާވަހިކަމަށްޓަކައި ބިން ހިއްކުމުގެ މަޝްރޫޢުތައް މިހާރު ހިންގަވަމުން ގެންދަވާއިރު، އަތޮޅުތަކުގައި އެންމެ ގިނަ ފްލެޓް ބިނާކުރުމަށް މިހާތަނަށް ހިންގޭ މަޝްރޫޢު ސަރުކާރުން މިހާރު ވަނީ އިއުލާނުކުރައްވައިފައެވެ.

އަދި އިސްލާމިކް ފައިނޭންސްގެ އުޞޫލުން 5 އިންސައްތައަށް ވުރެ ކުޑަ އިންޓަރެސްޓް ރޭޓްގައި ހިޔާވަހިކަމުގެ ލުއި ލޯނުތައް މިއަހަރު ދޫކުރައްވަން ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

ސަރުކާރުން ކަނޑައަޅުއްވާފައިވާ ހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުގައި، 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަމިއްލަ ހިޔާވަހިކަމެއްގެ ފުރުޞަތު ފަހިކޮށް ދެއްވާނެއެވެ.

މީގެ ކުރީން، އިޖްތިމާޢީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން ދޫކުރައްވާފައިވާ ގިނަ ފްލެޓްތަކެއްގެ ކުލި މި ސަރުކާރުން ވަނީ ލުއިކޮށްދެއްވައިފައެވެ.

އަދި ހިޔާފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިކޮށްދެއްވުމުގެ ގޮތުން، ކޮންމެ ޓަވަރަކު އިތުރު 2 ލިފްޓް ހަރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށް ގެންދަވަމުންނެވެ.