މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ 7 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ރާއްޖެ ވަޑައިގެންފިއެވެ.
މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ 7 ވަނަ ސަމިޓު ޝަރަފުވެރިކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ޔުނައިޓަޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރާއްޖެ ވަޑައިގެންފިއެވެ.
މި ހިނގާ ޖޫންމަހުގެ 18 އިން 19 އަށް ކުރިއަށްދިޔަ މި ސަމިޓުގެ އިފްތިތާހީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި އެކަމަނާ ބައިވެރިވެވަޑައިގެން ވަނީ ވާހަަކަފުޅު ދައްކަވައިފައެވެ.
މި އަހަރުގެ ސަމިޓުގައި އެފްރިކާ އަދި އޭޝިޔާ ބައްރުގެ 14 ގައުމެއްގެ ފަސްޓް ލޭޑީސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދަރިމައިވުމުގެ ސިއްހަތާ ގުޅުންހުރި ތައައްސަބުތައް ނައްތާލުމާއި، އަންހެންކުދީންނަށް ތައުލީމުދިނުމަށް އެއްބާރުލުންދިނުމާއި، އަންހެނުން ބާރުވެރިކުރުމާއި، ސިއްހީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި، އެ ދާއިރާއިން ގާބިލުކަން އިތުރުކުރުމުގެ މައްޗަށް މި ސަމިޓުގައި މަޝްވަރާކުރެވިފައިވެއެވެ.

