ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅުމާއި އެ ޕާޓީ އަށް 20 އަހަރު ފުރުން ފާހަގަކުރަން މި މަހުގެ 23 ގައި ބާއްވަން ނިންމި ޖަލްސާ ސަލްޓަން ޕާކުގައި ބޭއްވުމަށް ހުއްދަ ދީފިއެވެ.

ހައުސިން މިނިސްޓަރު ޑރ. މުއްތަލިބު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ހަރަކާތަށް ސަލްޓަން ބޭނުން ކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ސަލްޓަން ޕާކަކީ މަރާމާތުކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެދިގެން މާލޭ ސިޓީ ކައުންސިލުން ހަވާލުކޮށްފައިވާ ތަނަކަށްވާތީ އެތަން މިމިނިސްޓްރީން މިހާތަނަށް ކުއްޔަށް ދީފައި ނުވާ ކަމަށެވެ.

އަދި އެތަން ކުއްޔަށް ދިނުމަށް އުސޫލެއް ކަޑައަޅާފައި ވެސް ނެތް ކަމަށް ވިދާޅުވިއެވެ.

”ނަމަވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެޕާޓީން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ވާނީ ނިންމާފައި.“ މިނިސްޓަރު ވިދާޅުވިއެވެ.