ޣައްޒާގެ މެދުތެރެއާއި ދެކުނުގެ ސަރަޙައްދުތަކުގައި އިންސާނީ އެހީއަށް އިންތިޒާރުކުރަމުން ދިޔަ ބަޔަކަށް އަމާޒުކޮށް، ހުކުރު ދުވަހު އިޒްރޭލުން ދިން ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ 34 މީހުން ޝަހީދުކޮށްލައި، އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.
ހުކުރު ދުވަހު އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގެ އެކި ހިސާބުތަކުގައި ފަލަސްތީނުގެ 82 މީހުން ޝަހީދުކޮށްލާފައެވެ.
އޭގެ ތެރޭގައި ދީރް އަލް ބާލާގެ ހުޅަނގުން އޮންނަ ގެއަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާގައި ޝަހީދު ކުރި އެތައް ބަޔަކު ވެސް ހިމެނެ އެވެ.
ޣައްޒާގެ މެދުތެރޭގައި 37 މީހަކު ޝަހީދުވެފައިވާއިރު، އޭގެ ތެރެއިން 23 މީހުންނަކީ އެހީ ހޯދަން އެއްވި މީހުން ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
ޣައްޒާ ސިޓީގައި އިތުރު 23 މީހަކު ޝަހީދުވެފައިވާއިރު، ޣައްޒާގެ ދެކުނުން އިތުރު 22 މީހަކު ޝަހީދުވިއެވެ.
އޭގެ ތެރެއިން 11 މީހަކު ޝަހީދުވީ އެހީގެ ގޮތުގައި ބަހާ އެއްޗެހި ހޯދަން އުޅުމުގެ ތެރޭގައެވެ.

