ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް މި އަހަރު ޖަމާކުރި ފައިސާގެ މިންވަރު އިތުރުވެއްޖެއެވެ.

އެސްޑީއެފް އަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލުކަން ހޯދަން އުފެއްދި ފަންޑެކެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން އެސްޑީއެފްއަށް މި އަހަރު 907.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ.

މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 635.2 މިލިއަން ރުފިޔާގައެވެ. އެހެންވެ، މި އަހަރު އައިސްފައި މިވަނީ 42.8 އިންސައްތައިގެ އިތުރުވުމެކެވެ.

ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި އެސްޑީއެފް އުފެއްދީ 2017 ވަނަ އަހަރުއެވެ.