ކިޑްނީ ހަދިޔާ ކުރުމަށް މީހުން ފަސްޖެހެނީ އެކަމާ ގުޅޭ މައުލޫމާތު ރަނގަޅަށް ލިބިފައި ނެތުމުން ކަމަށް އައިޖީއެމްއެޗުގެ ނެފްރޮލޮޖީ ޑިޕާޓްމަންޓްގެ މެޑިކަލް އޮފިސަރ، ޑރ.އާމިނަތު މިޒްނާ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ޑރ.މިޒްނާ ވިދާޅުވީ ރާއްޖޭގައި ކިޑްނީ ބަލި ގިނަވަމުން އަންނައިރު، ކިޑްނީ ހަދިޔާ ކުރަން މީހުން ފަސްޖެހެނީ އެކަމުގެ ސަބަބުން ”ނޯމަލް“ ދިރިއުޅުމެއް އުޅެވިދާނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު މައުލޫމާތެއް ނޫންކަން ފާހަގަކުރައްވައި ޑރ.މިޒްނާ ވިދާޅުވީ، ކިޑްނީއެއް ހަދިޔާ ކުރުމަށްފަހުގައި ވެސް، ކުރިން އުޅުނު ދިރިއުޅުން އުޅެވިދާނެ ކަމަށެވެ.

ީއޭނާ އިތުރަށް ވިދާޅުވީ، ކިޑްނީ ބައްޔަކީ ”ސައިލެންޓް“ ބައްޔެއް ކަމަށާއި، ގިނަ ފަހަރު ބަލީގެ އަލާމާތްތައް ފެންނަނީ، އެންމެ ފަހު ސްޓޭޖުގައި ކަމަށެވެ.

”‏ކަމަކަށް ކުރާ ޓެސްޓެއްގެ ނަތީޖާއަކުން، ކިޑްނީ މަސައްކަތް ކުރާ ގޮތް ދަށްކަމަށް ފާހަގަކުރެވިގެން، ކިޑްނީ ބައްޔަށް ޓްރީޓް ކުރަން، ބަލީގެ ކޮން މަރުހަލާއެއްކަން ދެނެގަންނަނީ.“ އޭނާ ވިދާޅުވިއެވެ.

ޑރ.މިޒްނާ ވިދާޅުވި ގޮތުގައި، މާބޮޑަށް ވަރުބަލިވުމާއި، ފައި ދުޅަވުމާއި ހޮޑުލެވުމަކީ މި ބަލީގެ ފަހުކޮޅަށް ދިޔުމުން ފެނިގެންދާނެ އަލާމާތްތައް ކަމަށެވެ. ނަމަވެސް، އެހެންބަލިތައް ޖެހުމުން ވެސް މި އަލާމާތްތައް ފެނިގެން ހިނގައިދާނެކަން ޑރ.މިޒްނާ ވަނީ ފާހަގަކުރައްވައިފައެވެ.

ކްރޮނިކް ކިޑްނީ ބަލީގެ ފަސް ސްޓޭޖެއް އޮންނައިރު، ގިނަ ފަހަރު ބަލީގެ އަލާމާތްތައް ފެންނަނީ ހަތަރު ވަނަ ސްޓޭޖުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.