ކޮންމެ އެއްޗެއް ވެސް ސަރުކާރުން ރައްޔިތުންނަށް ހިލޭ ދޭން ޖެހޭނެ ކަމަށް ގަބޫލުކުރާ ކުރުން ދޫކޮށްލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސަރުކާރުތަކުން ވެރިކަން ހޯދަނީ ރައްޔިތުންނަށް ދޮގު ހަދައި އޮޅުވައިލައިގެން ކަމަށާއި، ރައްޔިތުންނަށް ވިސްނައިދީފައި އޮންނަނީ ހުރިހާ ހިދުމަތެއް ވެސް ހިލޭ ލިބެންޖެހޭނެ ކަމަށް ކަމުގައެވެ.
މިސާލެއް ނަންގަވައި އޭނާ ވިދާޅުވީ، އާސަންދައިގެ ދަށުން ޕެނެޑޯލް ހިލޭ ބެހިޔަސް، އެއީ ސަރުކާރަށް ހިލޭ ލިބޭނެ އެއްޗެއް ނޫންކަމާއި، ޓެކްސް ދައްކާ މީހުންގެ ފައިސާ އެއަށް ހަރަދުވާނެކަން ގަބޫލު ކުރަން ބޭނުންވާ މީހަކު ނެތް ކަމަށެވެ.
އަލީ ހުސެއިން ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން ދައުލަތުގެ ދަރަނި ވަނީ އިތުރު ކަމަށެވެ.
ދައުލަތުން ހިލޭ ދޭ އެއްޗެއްގެ ގޮތުގައި ދޭ އެއްވެސް އެއްޗަކީ، ހިލޭ ދޭ އެއްޗެއް ނޫންކަން ބަޔާން ކޮށްދެއްވަން އެއްވެސް ވެރިޔަކަށް ކެރިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”ކޯޗެއްތޯ ހިލޭ؟ ހިލޭ ބޭސް ފަރުވާއޭ ބުނީމަ، ކޮން ބޭހެއްތޯ ދައުލަތަށް ހިލޭ ލިބެނީ؟ ކޮންތާކުންތޯ ބޭސް، މިސާލަކަށް، ޕެނެޑޯލް ދައުލަތަށް ލިބެނީ ހިލޭތޯ؟ މިސާލަކަށް އާސަންދައިން ޕެނެޑޯލް ދެންޏާ، ދައުލަތަށް ެޕެނެޑޯލް ލިބެނީ ހިލޭހެއްޔޭ؟ ނޫން.“ އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ކޮންމެ އެއްޗަކީ ސަރުކާރުގެ ފަރާތުން ހިލޭ ލިބެންޖެހޭ އެއްޗެއް ކަމަށް ގަބޫލު ކުރާ ކުރުން ދޫކޮށްލައިގެން ނޫނީ، މި ގައުމު އަމާން އައްސޭރިއަކަށް ގެންދެވެން ނެތް ކަމުގައެވެ.

