ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަ ކުރުން ކުށްވެރިކޮށް، ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން އެކަމުގައި ބައިވެރިވި ފަރާތާމެދު ފިޔަވަޅު އެޅުމަށް އިލްމުވެރިންގެ ގުޅުމުން ގޮވައިލައިފިއެވެ.

ތާޖު މޯލްޑިވްސް ރިސޯޓުގައި 11 ވަނަ ޔޯގާ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފައި ވަނީ އިންޑިއާ ހައި ކޮމިޝަނުން އިސްނަގައިގެންނެެވެ.

އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނެއްގައި ބުނީ، ހިންދޫ ދީނުގެ ޝިރުކުގެ އަމަލެއް ކަމަށްވާ ޔޯގާގެ އަޅުކަމާއި ގުޅުވައިގެން އެއަޅުކަން ޕްރޮމޯޓުކޮށް ފެތުރުމުގެ އެޖެންޑާގެ ދަށުން ފާހަގަކުރާ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ޔޯގާގެ އަމަލުތަކަކީ ޝިރުކުގެ އަމަލުތަކެއްކަން ބަޔާންކޮށް ރާއްޖޭގެ 104 ދީނީ އިލްމުވެރިން ހިމެނޭހެން އިލްމުވެރިންގެ ގުޅުމުގެ ފަރާތުން މީގެ ކުރިން ވެސް ވާނީ އެކަމުގެ ނުރައްކާތެރިކަމާއި ހުކުމް ބަޔާންކޮށްދީފައި ކަމަށް ބަޔާނުގައިވެއެވެ.

އެގޮތުން 2022 ވަނަ އަހަރުގެ ޔޯގާ ދުވަހު ހިނގައިދިޔަ ކަންކަމާ ގުޅިގެން ޔޯގާއާ ގުޅުންހުރި ކަންކަމަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ ކަމެއްކަން، ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ އެއްވެސް މީހަކަށް އޮޅިފައި އޮންނާނެ ކަމަށް ބަލާނެ ޖާގައެއް ނެތް ކަމަށް ވެސް އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނުގައިވެއެވެ.

އިލްމުވެރިންގެ ގުޅުމުން ވަނީ ޔޯގާ ދުވަސް ފާހަގަކުރިއިރު އެ އިވެންޓްގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު ބައިވެރިވުމުން ހިތްހަމަނުޖެހުން ފާޅުކޮށް، އެ ސްޓޭޓް މިނިސްޓަރާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރުގެ އިސްވެރިންނަށް ގޮވާލާފައެވެ.