މިއަދު ހެނދުނުގެ ވަގުތެއްގައި، ހުޅުމާލޭގެ ފޭސް 2ގެ ވިނަރެސް ފްލެޓެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރޯވި ފުލެޓުގައި ދިރިއުޅުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ވިނަރެސްގެ 9 ވަނަ ޓަވަރުގެ 13 ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގައެވެ. އެ ތަނުގައި 4 މީހުން ދިޔައީ އުޅެމުންނެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ބުނީ، އަލިފާނުގެ ހާދިސާގެ ސަބަބުން ދިރިނުއުޅުވޭ ވަރަށް އެޕާޓްމަންޓަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

އެހެންކަމުން އެ އެޕާޓްމަންޓްގައި ދިރިއުޅޭ 4 މީހުންނަށް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން އަދި 2 މީހަކަށް އަންނައުނު ފޯރުކޮށްދީފައިވާކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ، އެޕާޓްމަންޓުން ދުން އަރާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 07:41 އެހާއިރު ކަމަށެވެ.

އަދި މައުލޫމާތު ލިބުމާއެކު ހުޅުމާލޭ ފަޔަރ ސްޓޭޝަން އިން ހަރަކާތްތެރިވެ، ގިނައިރުތަކެއް ނުވަނީސް ރޯވި އަލިފާން ނިއްވާލެވުނުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގީ އެޕާޓްމަންޓްގެ ކޮޓަރިއެއްގެ ގޮދަޑިއެއްގައި ރޯވެގެންނެވެ.