ތަޖަކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ބޮބޮކަލޮންޒޮދާ ލުކްމޮން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

އެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.

ތަޖަކިސްތާންގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމުން ރައީސް ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްހަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސް ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ތައުލީމާއި ސިއްހީ ދާއިރާގެ އިތުރުން ފަތުރުވެރިކަން ކުރިއެރުވުމާއި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާ ހިމެނެއެވެ.

ރާއްޖެއާ ތަޖަކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1993 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 06 ވަނަ ދުވަހުގައެވެ.

ތަޖަކިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ކަނޑައަޅުއްވާފައި ވަނީ ނަން-ރެސިޑެންޓް ސަފީރެއްގެ ގޮތުގައެވެ.