މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު އެ މިނިސްޓްރީންނާއި މިޝަންތަކުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އިޒްރޭލާއި އީރާނާ ދެމެދު ބަދަލު ކުރެވުނު ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އޮތީ ހޫނުވެފައެވެ.
އީރާނުން ގަތަރަށް ދިން ހަމަލާ އާ ގުޅިގެން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކުރިއެވެ.
ނަމަވެސް މިހާރު އިޒްރޭލުން ވަނީ ހަމަލާތައް ހުއްޓައިލަން އެއްބަސްވެފައެވެ. އިޒްރޭލުން ހަމަލާތައް ހުއްޓައިލާނަމަ، އީރާނުން ވެސް ހަމަލާތައް ހުއްޓައިލާނެ ކަމަށް އެ ގައުމުން ބުނެފައިވެއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު ހަލީލު މިއަދު ހެނދުނު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅެމުންދާ ދިވެހިންނާއި އެ ގައުމުތަކަށް ޒިޔާރަތްކުރާ ދިވެހިންގެ ހާލަތު އެ މިނިސްޓްރީންނާއި މިޝަންތަކުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
”މިވަގުތު މި ސަރަހައްދުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވުމާ އެކު، މި ގައުމުތަކުގައި ދިރިއުޅުއްވާ އަދި މިވަގުތު ޒިޔާރަތް ކުރައްވަމުން ގެންދަވާ ދިވެހި ރައްޔިތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާ އެ ގައުމުތަކުގެ ސަރުކާރުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރަން،“ ހަލީލު ވިދާޅުވިއެވެ.

