މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ޕޯޓް ކްލަބާއި، ކްލަބް ޓީންއޭޖްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއީ އެމްޕީއެލްގައި ކުރިއަށް ގެންދާ އިންޓަރ ޑިޕާޓްމަންޓް ފުޓްސަލް މުބާރާތުގައި ބައިވެރިވާ މުވައްޒަފުން ފަރިތަ ކުރުމަށް ދަނޑުތައް ހަމަޖެއްސުމަށް ވެފައިވާ އެއްބަސްވުމެކެވެ.
އެމްޕީއެލްގެ ޕޯޓް ރިކްރިއޭޝަން ކްލަބުގެ ރައީސް، އަދި ސީނިއަރ ޖެނެރަލް މެނޭޖަރު ޒައީމް ޒިނާހުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދާ މި މުބާރާތުގެ ފަރިތަކުރުންތައް މިހާރު ވެސް ވަނީ ފަށައިފައެވެ.
މި އެއްބަސްވުމުގެ ސަބަބުން މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.
މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އިތުރު ކުރުމަށް އެމްޕީއެލް އިން މިފަދަ ތަފާތު ހަރަކާތްތައް ހިންގައެވެ.

