ރިޔާސީ އިންތިހާބުގައި ވަޢުދުވެޑައިގެންފައިވާ ފަދައިން، މި އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ހާފިޒުންނަށް ދޭ އެލަވަންސް ދެ ގުނައަށް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެކަން އިއުލާންކުރައްވައިފިއެވެ.
މިއަދު ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މި ނިންމުން ނިންމަވާފައިވަނީ، މި ހަފުތާގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައިކަމަށެވެ.
ހާފިޒުން ތަމްރީންކުރުމާއި ޙާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއްކަމުގައިވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ކީރިތި ޤުރުއާނުގެ ޢިލްމާއި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. މިކަންކަމަށް ބޭނުންވާ މާލީ ތަނަވަސްކަން އިތުރުކުރެއްވުމުގެ ގޮތުން، ވަޤުފް ޢިމާރާތްތައް ބިނާކުރެއްވުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.
ހާފިޒުންނަށް ސަރުކާރުން ދޭ އެލަވަންސް ދެ ގުނައަށް އިތުރުކުރުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ.

