ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓެއް ހިނގައި، ބަޔަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީގެ ކުޑައިރުކޮޅެއް ބުނީ، ޅ.މަޑިވަރު އެއާޕޯޓާ ދިމާލު ކަނޑުމަތިން، ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
މި ހާދިސާ ހިނގިކަން ފުލުހުންނަށް އެންގީ މިރޭ 8:26 ހާއިރު ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.
”މި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށް ޅ.އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން.“ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެކްސިޑެންޓަށް ފަހު ޑިންގީ ގެއްލިފައިވާއިރު، އެ އުޅަނދު މިހައިތަނަށް ފެނިފައިނުވާ ކަމަށާއި، ޑިންގީ އަޑިއަށް ދިޔައީ ކަމަށް ބެލެވޭ ކަމަށެވެ.
އަދި ބުނީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

