އިސްތަށިގަނޑު ރީތި ކުރުމަށްޓަކައި ޕްރޮޓީންގެ ދައުރު ވަރަށްވެސް ބޮޑެވެ. އެހެންކަމުން ކެއުމުގައި ބިސް، މަސް އަދި އެކި ކަހަލަ ނަޓްސް ހިމެނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ރީތި، އަދި ވަރުގަދަ އިސްތަށިގަނޑެއް ހޯދުމަށްޓަކައި، ފާޑު ފާޑު ތަކެތި ބޮލުގައި ހޭކުމަކުން އަދި ނުފުދެއެވެ. ކެއުމުގައި ފައިދާ ހުރި ތަކެތި ހިމެނުމަށް ވެސް ސަމާލުވާންޖެހެއެވެ.
މިގޮތުން އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށް ބަޔޮޓިންގެ ދައުރު ވަރަށް ބޮޑެވެ.
ބަޔޮޓިން އެންމެ ގިނައިން އެކުލެވޭ ކާނާތަކުގެތެރޭގައި ބިސް އަދި އަވާކާޑޯ ހިމެނެއެވެ. މީގެ އިތުރުން އާމަންޑް އަދި ކައްޓަލަ އަކީވެސް މި މާއްދާ ގިނަ ކާނާއެވެ. ކެއުމުގައި މިފަދަ ކާނާ ހިމެނުން ވަރަށް މުހިންމެވެ.
ބޮލުގެ އިސްތަށިގަނޑު ހަލާކުވާން ފެށުމުގެ ކުރިން މިކަމަށް ސަމާލުވުން ވަރަށް މުހިންމެވެ.
މީގެ އިތުރުން ނިދި ހަމަ ކުރުމާއި، ގިނައިން ފެން ބުއިމަކީ އިސްތަށިގަނޑަށް ދެވޭ ވަރަށް މުހިންމު ފަރުވާއެކެވެ.
ބޮލުގެ ހަންގަނޑު މަސާޖުވކުރުމުން ލޭ ދައުރުވުން ރަނގަޅުވެ އިސްތަށިގަނޑު ހެދި ބޮޑުވުމަށް އެހީވެދެއެވެ.
މަސާޖު ކުރަންވާނީ އިނގިލީގެ ކޮޅު ތަކުން އިސްތަށިގަނޑު ހަލާކު ނުވާނެ ހެން މަޑުމަޑުންނެެވެ. އަދި ގަވައިދުން ދުވާލަކު 10 ވަރަކަށް މިނެޓުން ފުދެއެވެ.
މީގެ އިތުރުން ބޮލުގައި ތެޔޮލުމަކީ ވަރަށްވެސް މުހިންމުކަމެކެވެ. މިގޮތުން ރޯސްމެރީ އޮއިލް އަދި ކާށިތެޔޮ ބޭނުންކުރުން ވަރަށް މުހިންމެވެ. އިސްތަށިގަނޑު އޮމާންކޮށް ރީތިކޮށް ބަހައްޓަން ބޭނުންނަމަ އާމަންޑް ތެޔޮ ވެސް ބޭނުން ކުރެވިދާނެއެވެ.
މި ތެލުގައި ހުންނަ މާއްދާތަކުން އިސްތަށިގަނޑު ނަރިޝްކޮށްދީ، އިސްތަށިތަކުގެ ކޮޅުތައް އޮމާންކޮށްދެއެވެ.

