ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދާ ”އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027“ ގެ 2 ވަނަ ސެޝަން ބާއްވައިފިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ އޮޑިޓޯރިއަމްގައި އިއްޔެ މެންދުރުފަހު ބޭއްވި މި ސެޝަންގައި، ސަރުކާރުގެ އެކިވުޒާރާތަކާއި މުއައްސަސާތަކުން ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސެޝަންގައި، ”އިންފުލުއެންސް: ދަ ހަރޓްބީޓް އޮފް ލީޑަރޝިޕް“ މި މައުޟޫއަށް ވާހަކަ ދެއްކެވީ، އެމްޕަވަރިންގް އޯލްގެ ފައުންޑަރ، މަސްއޫދު އަލީއެވެ.

ހަގީގީ ލީޑަރޝިޕްގެ އަސާސީ ސިފައަށް އަލިއަޅުއްވާލައްވަމުން، އެއީ ހަމައެކަނި ހުނަރުތައް މެނޭޖްކުރުން ނުވަތަ ޓީމުތަކެއް އެކުލަވާލުމަށްވުރެ ފުޅާ ދާއިރާއެއްގައި ހިނގާ ކަމެއްކަން، މަސްއޫދުގެ ތަގުރީރުގައި ފާހަގަކުރެއްވިއެވެ.

ޕަރސަނަލް އިންފްލުއެންސް ނުވަތަ ހަގީގީ މުއާމަލާތްތަކާއި، އިތުބާރުހިފޭ، އަދި އިޖްތިމާއީ ހުނަރުތަކުގެ ޒަރިއްޔާއިން އެހެން މީހުންގެ ވިސްނުމާއި އަމަލުތަކާއި އިހްތިޔާރުތަކަށް ނުފޫޒު ފޯރުވުމުގެ ގާބިލުކަމާއި، ގުޅުން ބަދަހިކުރުމާއި، ފައިދާކުރަނިވި ހަރުދަނާ ގޮތެއްގައި މުއާމަލާތު ކުރުމާއި، ނުފޫޒުގެ އަހުލާގިއްޔާތާއި އިސްތިރާޖާ ބެހޭ ގޮތުންވެސް މަސްއޫދުގެ ތަގުރީރުގައި އަލިއަޅުއްވައިލެއްވިއެވެ.

އަދި ހަރުދަނާ ލީޑަރޝިޕެއް ބިނާވަނީ ހަރުދަނާ ގޮތެއްގައި މަގުސަދު ދެނެގަތުމާއި، އިތުރުބާރު އުފެއްދުމާއިއެކު ވަކިވަކި ފަރުދުންނަށްވެސް ކުރިއަރާ ދެވޭނެ ފަދަ ވެއްޓެއް ބިނާކުރުމުގެ މައްޗަށްކަން އޭނާގެ ތަގުރީރުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އާންމު ވިސްނުމެއް އުފައްދައި، ހަގީގީ ގުޅުންތައް ބަދަހިކުރުމާއި، ނަފްސާނީ ރައްކާތެރިކަން ކުރިއެރުވުމާއި، ވަކިން ހާއްސަކޮށް، ހައިރާކީ އޮނިގަނޑެއް އޮތުމާއި ގޮތް ނިންމުމުގެ މަރުކަޒީ ބާރެއް އޮތުމާއި ގާއިމު ކުރެވިފައިވާ ވަކި ތަރުތީބެއް ދެމެހެއްޓުން ފަދަ އިހުގެ ލީޑާޝިޕްގެ ގޮތްތައް ބޭނުންކުރުން މަދުވަމުން އަންނަ ދުވަސްވަރެއްގައި، ދޭދޭ މަސްލަހަތުތައް ކުރިއެރުވިދާނެ ގޮތްތަކުގެ މައްޗަށްވެސް ތަގުރީރުގައި ވަނީ އަލިއަޅުއްވާލައްވައިފައެވެ.

މި އަސާސީ މާއްދާތަކާއެކު، ލީޑަރުންގެ ފަރާތުން އަނެކާއަށް އިތުރު ހިތްވަރެއް ލިބި، ޓީމެއްގެ ގޮތުގައި މަސައްކަތްތެރިކަން އިތުރުކުރެވި، ވަކި މަގްސަދެއް އޮވެގެން ހިންގާ ލީޑަރޝިޕެއް ގާއިމުކުރެވިދާނެ ގޮތްތައް، އިއްޔެގެ ސެޝަންގެ ބައިވެރިންނާ މަސްޢޫދު ހިއްސާ ކުރެއްވިއެވެ.

”އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް“ (އީޑީޕީ) އަކީ ސިޔާސީ ގޮތުން ޢައްޔަންކުރެވޭ ބޭފުޅުން ހިމެނޭހެން، ދައުލަތުގެ މުވައްޒަފުންގެ ޕަރފޯމަންސް ހަރުދަނާކުރުމަށް އެކުލަވާލެވުނު ޕްރޮގްރާމެކެވެ.