ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް ލިބިފައިވާ މަގާމު ދެމެހެއްޓުމަށްޓަކައި ފަތުރުވެރިންނަށް މެހުމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއްގެ ގޮތުގައި ދެމިތިބެންޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން ރޭ ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ފަތުރުވެރިކަމުގެ ”އެޕްރިސިއޭޝަން ރިސެޕްޝަން“ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަކީ ޒަމާނުއްސުރެވެސް، ރާއްޖެއަށް ޒިޔާރަތްކުރާ މެހުމާނުންނަށް މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއްކަމުގައެވެ.
ހަމަ އެގޮތަށް ފަތުރުވެރިކަމުގެ އެންމެ މަތީފަންތީގެ މަންޒިލުތަކާ ރާއްޖެއިން ވާދަކުރަމުންދާއިރު ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި ރާއްޖޭގެ ގުދުރަތީ ރީތިކަން ހިމާޔަތްކޮށް ގޮނޑުދޮށްތަކާއި މޫދާ ފަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމަށް ޚާއްޞަ އިސްކަމެއްދޭން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައިގޮތަށް އަލިއަޅުވާލައްވައި މި ސިނާޢަތް ރާއްޖޭގައި ފެށްޓެވުމުގައި އެންމެ އިސްދަޢުރު އަދާކުރެއްވި ބޭފުޅުން އޭރު މިސިނާޢަތް ފެށްޓެވުމަށް ކުރެއްވި ބުރަބޮޑު އުދަގޫ މަސައްކަތްތައް ފާހަގަކުރައްވައި އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި މި ސިނާޢަތް ފެށިގެން މިހާތަނަށް އައިއިރު މިސިނާޢަތުގައި މަސައްކަތްކުރި އަދި ކުރަމުންގެންދާ ފަރާތްތަކާއި އަދި އެކިގޮތްގޮތުން ސިނާޢަތާ ގުޅިފައިވާ އެތައްބައެއްގެ މިންނެތް މަސައްކަތް ފާހަގަކުރައްވައި އެހުރިހާ ފަރާތްތަކަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މި ޙަފްލާގައި ރައީސް ސޯލިހު ވަނީ ވޭތުވެދިޔަ 50 އަހަރުތެރޭ ފަތުރުވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރެއްވި ބޭފުޅުންނަށް ”އެޕްރިސިއޭޝަން އެވޯޑް“ ގެ ގޮތުގައި އެވޯޑް ހަވާލުކޮށްދެއްވާފައެވެ.
އަދި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސް ވަނީ ވޭތުވެދިޔަ 50 އަހަރުތެރޭ ފަތުރުވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރެއްވި ބޭފުޅުންނަށް ”އެޕްރިސިއޭޝަން އެވޯޑް“ ގެ ގޮތުގައި އެވޯޑް ހަވާލުކޮށްދެއްވާފައެވެ.
