މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ގޮތުން މަސްތުވާތަކެއްޗަށް ދެކޮޅަށް މަސައްކަތް ކުރާ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އިޖުތިމާއީ ވަބާ ކަމަށްވާ މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި، މިކަމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ރާއްޖޭގެ އެއްބާރުލުން އަބަދު ވެސް އޮންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހެއް ފާހަގަ ކުރަމުން އަންނަ އިރު، މި މައްސަލަ ހައްލުކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ގަބޫކުރަން ޖެހޭ ކަމަށާއި މިއީ ހަމައެކަނި ވަކި ގައުމަކަށް ހައްލު ކުރެވޭނެ މައްސަލައަކަށް ވުރެ ބޮޑަށް ގައުމުތައް ގުޅިގެން ހައްލު ކުރޭވޭނެ މައްސަލައެއް ކަމަށް ވެސް ރައީީސް ވިދާޅުވިއެވެ.

އަދި މި ބޮޑު މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް އިޝާރަތް ކުރައްވައި ރައީސް ވިދާޅުވީ މިހާތަނަށް ސަރުކާރުން ކުރެވުނު މަސައްކަތުގެ ތެރޭގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެގޮތުން ތަންފީޒީ އިދާރާތަކުގެ މަސައްކަތް ހަރުދަނާކޮށް، މަސްތުވާތެކެތީގެ ވާބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމުގެ ނިޒާމާއި، އެ މީހުން އަނބުރާ މުޖްތަމައުއަށް ގެނައުމަށް އެކަށައެޅިފައިވާ ނިޒާމު، އެއް އަމާޒަކަށް މަސައްކަތް ކުރަން ޤައުމީ އޮނިގަނޑެއްގެ ތެރެއިން މިހާރު މަސައްކަތްތައް ރޭވިފައިވާ ކަމަށް ވިދާޅުވިއެވެ.