އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އެންމެ ހާއްސަ އެއް ޕްރޮގުރާމުކަމަށްވާ ޒުވާން ހަތީބުން ޕްރޮގުރާމުގެ ތިން ވަނަ ބެޗުގެ ތަމްރީން މިއަދު ފަށައިފިއެވެ.
މި ޕްރޮގުރާމުގެ ތިން ވަނަށް ބެޗަށް ހުޅުވާލުމާއެކު 338 ފަރާތަކުން ވަނީ ފޯމު ހުށައަޅާފައެވެ. މީގެ ތެރެއިން ތަމްރީންގައި ބައިވެރިވަނީ ޝަރުތުހަމަވާ އަދި އިމްތިހާނުން ވާސްވި 257 ބައިވެރިންނެވެ.
މިހާތަނަށް ޒުވާން ހަތީބުންގެ ދެ ބުރެއް ނިމިފައިވާއިރު، 234 ޒުވާނުން ވަނީ މި ޕްރޮގުރާމުގެ ތެރެއިން ސަނަދު ހާސިލްކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން އަމާޒު ހިފާފައިވަނީ މިދައުރުގެ ތެރޭގައި 1000 ޒުވާން ހަތީބުން އުފެއްދުމަށެވެ.
’ޒުވާން ހަތީބުން‘ ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް ޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ތެރެއިން ހަތީބުންނަށް ހުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނާ ގުޅުން ހުރި އެހެން ބައެއް ދާއިރާތަކުން ހާއްސަ ތަމްރީނުތަކެއް ދެވޭނެއެވެ.
މި ޕްރޮގްރާމްގެ ސަބަބުން ހަތުބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ވަނީ ލިބިފައެވެ.
މިނިސްޓްރީން ކުރިއަށް ގެންދާ މި ހާއްސަ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

