އެޑިއުކޭޝަން މިނިސްޓްރީން، ރާއްޖޭގެ މަދަރުސާތަކުގެ އިސްވެރިންނަށް ފޮނުވި ސިޓީއެއްގައި ބަހުގެ ކުށްތައް ގިނަވުމުން، ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

މިނިސްޓްރީން ފޮނުވި ސިޓީގައި މަދަރުސާތަކަށް އަންގާފައިވަނީ އެކި ދުވަސްތައް ފާހަގަކުރުމަށް ބެލެނިވެރިން ލައްވައި، ބޮޑެތި ހޭދަތައް ނުކުރުވުމަށެެވެ.  އެޑިއުކޭޝަނުން ބުނިގޮތުގައި، އެކި ދުވަސްތައް ފާހަގަކުރުމަށް ބެލެނިވެރިންގެ އަތުން ބޮޑު ހޭދައެއް ކުރުމަކީ އެ މިނިސްޓްރީން އެއްވެސް ވަރަކަށް ތަރުހީބުދޭ ކަމެއް ނޫނެވެ.

މީގެއިތުރުން މިފަދަ ކަންކަމުގެ ސަބަބުން އެއް ކްލާހާއި، އަނެއް ކްލާހަކާ ދެމެދު އަޅާ ކިޔުމަށް މަގުފަހިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

މުދައްރިސުންގެ ދުވަސް ކައިރިވެފައިވަނިކޮށް، އެޑިއުކޭޝަނުން މަދަރުސާތަކަށް މިފަދަ އެންގުމެއް އެންގުމުން، ގިނަ ބަޔަކު އެކަމަށް ޝުކުރުވެެސް އަދާކުރިއެވެ. ނަމަވެސް، މި އެންގުން މީސްމީޑިއާގައި ދައުރުވުމުން، މިނިސްޓްރީއަށް ފާޑުކިޔުން އަމާޒުވީ، ސިޓީގައި އިމްލާ ކުށްތައް ގިނަ ވުމުންނެވެ.

މިގޮތުން، މިނިސްޓްރީގެ ސިޓީގައިވާ ކުށްތައް ފާހަގަވާނެހެން، ރަތް ކުލައިން ބޮޅު އަޅާފައި، މީސްމީޑިއާއަށް ދޫކޮށްލުމުން، އެ ސިޓީ ވަނީ ”ވައިރަލް“ވެސް ވެފައެވެ.

ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު، އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ޓެގް ކުރައްވައި ވިދާޅުވީ އެއްޗެއް ފެންނައިރަށް ސޮއި ނުކުރުމަށެވެ. ވަޒީރުން ސޮއި ކުރެއްވުމުގައި ބަލަން ޖެހޭ މިންގަނޑުތަކެއް ހުންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީސްމީޑިއާގައި، އެޑިއުކޭޝަނުގެ ސިޓީއަށް ކޮމެންޓު ކުރި އިތުރު މީހަކު ބުނީ، ސިޓީގައި ހުރި ކުށްތައް މިނިސްޓަރަށް ފެނިވަޑައިނުގެންނެވިޔަސް، ”ހާދިމްކުމް“ ލިޔެފައި އޮތްތަން ފެންނަންވާނެ ކަމުގައެވެ. އަންހެނަކަށް ދިވެހި ބަހުގައި ބޭނުން ކުރަނީ ”ހާދިމަތުކުމް“ ކަމަށްވާއިރު، މިނިސްޓަރު އައިޝަތު ސޮއި ކުރެއްވި ސިޓީގައި ލިޔެފައި އޮތީ ”ހާދިމްކުމް“އެވެ.