ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އޮނަރަބަލް ޝަރލީ އަޔޯކޯ ބޮޗްވޭއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދުގެ މި ބައްދަލުވުމުގައި، މުހިންމު ދާއިރާތަކުން ދިވެހިރާއްޖެއަށް ކޮމަންވެލްތުން ދެއްވާ އެހީތެރިކަން ވެދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ސެކްރެޓަރީ ޖެނެރަލް ވަނީ ތަކުރާރުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ބައިނަލްއަގްވާމީ މަސްރަޙުގައި، ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައި އިސްކަންދޭ ކަންކަމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަދާކުރަމުންދާ ލީޑަރޝިޕްގެ ދައުރު ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
އަދި 2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ދަރަޖައަށް ދިވެހިރާއްޖެ ގެންދިއުމުގެ ގައުމީ ތަސައްވުރު ކުރިއަށް ގެންދިއުމުގައި، ކޮމަންވެލްތުން ދެއްވާ އެއްބާރުލުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސް މުއިއްޒު އާއި ސެކްރެޓަރީ ޖެނެރަލް ވަނީ ދެފަރާތުގެ މަސްލަހަތު ހިމެނޭ ގިނަ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެތެރޭގައި ޑިމޮކްރަސީއާއި ހެޔޮ ވެރިކަން، ވިޔަފާރިއާއި ވުނަކުރުން، އަދި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދެމެހެއްޓެނިވި ތަރައްގީއާއި ގުޅުންހުރި ދާއިރާތައް ހިމެނެއެވެ.
މި ބައްދަލުކުރެއްވުމަކީ، ދިވެހިރާއްޖެއާއި ކޮމަންވެލްތާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.

