މާލެ އިން ގެއްލިގެން ހޯދަމުން އަންނަ ގ. ގާނެޓް، ހަސަން ޔާމީން ރާއްޖެއިން ފުރައިގެން ގޮސްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އުމުރުން 30 އަހަރުގެ ޔާމީން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އޭނާ އަދިވެސް ފެނިފައެއް ނުވެއެވެ.

ޔާމީން ގެއްލިގެން އޭނާގެ އާއިލާއިން އެކަން ފުލުހުންނަށް އެންގީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ 9:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނިކުމެގެން ދިޔަ ފަހުންނެވެ.

ފުލުހުން  ނެރުނު ބަޔާނެއްގައި ބުނީ ޔާމީން ގެއްލިގެން ރިޕޯޓްކުރި ދުވަހުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ

މި މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ ސީސީޓީވީ ފްޓޭޖް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އާއިލާގެ އެއްބާރުލުމާ އެކު ޔާމީން ދިރިއުޅޭ ތަން ބަލައި ފާސްކުރިއިރު ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާ ކަމުގެ އެެއްވެސް ނިޝާނެއްވެސް ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ރާއްޖެއިން ބޭރަށް ގޮސްފައިނުވާކަން ކަމާގުޅޭ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ކަަމަށެވެ.

އަދި ޔާމީން ހޯދުމަށް ފުލުހަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މެދުނުކެނޑި ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

ޔާމީނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 3322111 ނުވަތަ 9400053 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން އެދިފައިވެއެވެ.