ޣައްޒާގައި އިޒްރޭލުގެ ޔަހޫދީން ވަރުގަދަ ހަމަލާތައް ދެމުން އަންނައިރު، ފަލަސްތީނުގެ ރައްޔިތުން ތިބީ ބަނޑުހައިހޫނުކަމުގެ ތެރޭގައެވެ.
މިއަދު އެކަނި އިޒްރޭލުގެ އަސްކަރިއްޔާއިން ދިން އެކި ހަމަލާތަކުގައި ޣައްޒާގެ 30 މީހުން މަރުވެފައިވެއެވެ.
އޭގެތެރޭގައި 13 އެއިޑް ވޯކަރުން ހިމެނޭ ކަމަށް އަލްޖަޒީރާ ނޫހުގައި ބުނެފައިވެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ، ފާއިތުވި 24 ތެރޭގައި، 98 މީހުން ޝަހީދުކޮށްލާފައިވާއިރު، 1,079 މީހުން ޒަހަމްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެހީގެ ގޮތުގައި ދޫކުރާ ކާބޯތަކެތި ހޯދަން ދިޔަ 39 މީހަކު ހިމެނޭ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިޒްރޭލުން ޣައްޒާއަށް ހަމަލާ ދޭން ފެށި ފަހުން 60,430 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
އަދި 148,722 މީހުން ޒަހަމްކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓާލާފައިނުވާއިރު، އެބައިމީހުން ދަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތި ލިބުމަށް ހުރަސް އަޅަމުންނެވެ.

