ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަބްދުލްޣަނީ މުހައްމަދު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ރުހުން ދީފިއެވެ.
އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމާއެކު ޣަނީއާއި، ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި، ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވެސް ކުރިމަތިލެއްވިއެވެ.
އެބޭފުޅުންނާ އިންޓަރވިޔު ކުރައްވައި، ޖޭއެސްސީން އިސްކަން ދިނީ ޣަނީއަށެވެ.
އޭނާ އަކީ ކޯޓުގެ ކުރީގެ ފަނޑިޔާރެއް އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ، އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަނު ކުރެއްވުމަށް ޖޭއެސްސީން ލަފާދެއްވާފައިވާ ކަމަށެވެ.
މި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމުން، އެ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ ޣަނީ އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރުމަށެވެ.
މިކަމަށް އަދި މަޖިލީހުގެ ވޯޓު ނެގުން ވެސް އޮންނާނެއެވެ.

