ދަނޑުވިނަ ކޮށްޓެއް ބަލާނުލެވި، ދެ ހަފްތާ ވުމަކީ، ފަރުވާ ކުޑަކަމުގެ އިންތިހާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު(ވައްޑެ) ފުލުހުންގެ މުއައްސަސާއަށް ފާޑު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގެއްލުނު، އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު، އިއްޔެ ހަވީރު 5:45ހާއިރު ފުލުހުންނަށް ފެނުނީ، އޭނާ ގެއްލުނުތާ ދެ ހަފްތާ ފަހުން، އެންމެ ފަހުން އޭނާ ސީސީޓީވީ ފުޓޭޖުން ފެނުނު ހިސާބާ، މާ ދުރުނޫން ސަރަހައްދެއްގެ ގަސްތަކެއްގެ ތެރޭގައި ވަނިކޮށެވެ.

ފުލުހުންނަށް އަޒްހާންގެ ހަށިގަނޑު ފެނުނީ، ހުޅުމާލެ، ފޭސް1ގެ ވޯޓަރތީމް ކައިރީގައިވާ ބޯގަސްތަކުގެ ތެރެއިން ކުނި ވަސް ދުވައިގެން އާއްމުން ރިޕޯޓް ކުރުމުން ކަމަށްވެސް ބެލެވެއެވެ.

މިކަމާ ގުޅިގެން ވައްޑެ ވިދާޅުވީ އަޒުހާން އެންމެ ފަހުން ފެނުނު ތަނާ އިންވެގެން އޮތް، 200 މީޓަރު ހަމަނުވާ، ދަނޑުވިނަ ކޮއްޓެއް ބަލާނުލެވި ދެ ހަފްތާވުމަކީ ފަރުވާ ކުޑަކަމުގެ އިންތިހާ ކަަމަށެވެ. އޭނާ ކުރެއްވި ޓްވީޓުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުވެސް ޓެގް ކުރެއްވިއެވެ.

އަަޒްހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ފެނުނުއިރު އޮތީ، ގިނަ ދުވަސްވެގެން ވަރަށް ބޮޑަށް ކުނިވެފައެވެ. އާއިލާގެ ހުއްދައާއެކު، އެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ނިންމާފައެވެ. އެ ހަށިގަނޑު މިހާރު އޮތީ މޯޗަރީގައެވެ.