އިޒްރޭލުން އެއްވެސް މެދުކެނޑުމެއް ނެތި، ޣައްޒާއަށް ހަމަލާތައް ދެމުން އަންނަތާ ދެ އަހަރުވާން ކައިރިވީއިރު، ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 62,000 އަށް އަރައިފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

އިޒްރޭލުން ދަނީ ޣައްޒާގެ އެކި ތަންތަނަށް ބޮން އަޅައި، ގަތުލު އާއްމު ހިންގުމުގެ އިތުރުން، އެ ސިޓީގެ ރައްޔިތުން ގަސްތުގައި ބަނޑަށް ވެސް ޖައްސަމުންނެވެ.

ހޯމަ ދުވަހު އެކަނި ވެސް އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާގެ 30 މީހަކު ޝަހީދުކޮށްލިއިރު، އޭގެތެރޭގައި އެހީގެ ކާބޯތަކެތި ހޯދުމަށް އެއްވި 14 މީހުން ވެސް ހިމެނޭ ކަމަށް އަލްޖަޒީރާ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އެ ނޫހުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް، ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި 5 މީހަކު ޝަހީދުވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި 2 ތުއްތު ކުދިން ވެސް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާގޮތުގައި، އިއްޔެއާއި ހަމައަށް، ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 263އަށް އަރައެވެ. އޭގެތެރޭގައި 112 ކުޑަކުދިން ހިމެނެއެވެ.

އިޒްރޭލުން މިހާރު މަސައްކަތް ކުރަމުންދަނީ ޣައްޒާގެ ރައްޔިތުން އެހެން ހިސާބުތަކަށް ދިޔުމަށް މަޖުބޫރުކޮށް، މުޅި ޣައްޒާ އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށެވެ.

މި ޕްލޭނާ ދެކޮޅަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ވަނީ އަޑު އުފުލައިފައެވެ.

ފަލަސްތީނު-އިޒްރޭލު ހަނގުރާމައިގައި ބައިލައްކައަށްވުރެ ގިނަ މީހުން ޝަހީދުކޮށްލިއިރު، ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށް މިސްރާއި ގަތަރުން ހުށަހެޅި ހުށަހެޅުމަށް ހަމާސް ޖަމާއަތުން ވަނީ އެއްބަސްވެފައެވެ.