ބެލްޖިއަމްއިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމައިފިއެވެ.
މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެން ޖެނެރަލް އެސެމްބްލީގައި، އެ ގައުމުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމައިފައިވާކަން އިއުލާނު ކުރާނެކަން، އެ ގައުމުގެ ހާރިޖީ ވަޒީރު، މެކްސިމް ޕްރެވަޓް ވަނީ ހާމަކުރައްވައިފައެވެ.
އޭނާ ވިދާޅުވީ، ބެލްޖިއަމް އިން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމައިފައި ވަނީ، މި މައްސަލައިގައި ”ޓޫ-ސްޓޭޓް ސޮލިއުޝަން“އަށް ބެލްޖިއަމް އިން ތާއީދު ކުރާތީ ކަމަށާއި، އެކަމަށްޓަކައި ފަލަސްތީނުގެ ދައުލަތެއް ވެސް އޮންނާން ޖެހޭ ކަމަށެވެ.
އަދި ބެލްޖިއަމް އިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނީ ޝަރުތުތަކެއްގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން، ހަމާސްއިން ފަލަސްތީނުގެ ކޮންޓްރޯލް ދޫކޮށް، އިޒްރޭލުގެ ރަހީނުން މިނިވަން ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ ބޮޑުބައެއް ސުންނާފަތިކޮށްލި ހަނގުރާމަ އިޒްރޭލުން އަދި މިހައިތަނަށް ހުއްޓާފައިނުވާއިރު، މިކަމާ ގުޅިގެން ޔޫރަޕްގެ ގައުމުތަކުގެ ވެރިން ވެސް ގެންދަނީ ނުރުހުން ފާޅު ކުރަމުންނެވެ.
ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނާގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ފެށި މި ހަނގުރާމައިގައި ފަލަސްތީނުގެ 60،000އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 18،000 ކުޑަކުދިން ވެސް ހިމެނެއެވެ.
ބެލްޖިއަމްގެ އިތުރުން ފްރާންސް އިން ވެސް ވަނީ، ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމައިފައެވެ.
އެ ގައުމުގެ މި ނިންމުން، މި މަހު ބާއްވާ ޔޫއެން ޖެނެރަލް އެސެމްބްލީގައި އިއުލާނު ކުރާނެއެވެ. ޔޫއެން ޖެނެރަލް އެސެމްބްލީ އޮންނާނީ، މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

