އެމްޑީޕީގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހްލޫފް އެމްޑީޕީން ވަކިވެއްޖެއެވެ.

އެ ޕާޓީން ވަކިވުމަށް އެދިވަޑައިގެން، މަހްލޫފް ވަނީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ސިޓީއެއް ފޮނުއްވާފައެވެ.

ސިޓީގައި މަހްލޫފް ވަނީ 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ވަކިން ހާއްސަކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން، އެމަނިކުފާނުގެ ކެބިނެޓުގައި ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުނީތީ ޝުކުރު އަދާ ކުރައްވާ ކަމަށާއި، އެކަމާ އުފާ ކުރައްވާ ކަމަށް ސިޓީގައިވެއެވެ.

ޕާޓީން ވަކިވުމަށް ނިންމި ނިންމުމާމެދު އެއްވެސް މެންބަރެއްގެ ހިތްހަމަނުޖެހުމެއް އޮތްނަމަ އެކަމަށް ސިޓީގައި މަހްލޫފް ވަނީ މައާފަށް އެދިވަޑައިގެންފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މަހްލޫފް މި ސަރުކާރުގެ ސްޕޯޓްސް މިނިސްޓްރީގެ މަގާމަކާ ހަވާލުވުމަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މަހްލޫފް ވަނީ ޑީއާރްޕީ، އަދި ޕީޕީއެމްގައި ވެސް މަސައްކަތް ކުރައްވައިފައެވެ.