ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ބަހްރައިންގެ ރަސްގެފާނުގެ އަނބިކަނބަލުން، އަދި އެގައުމުގެ ސުޕްރީމް ކައުންސިލް ފޮރ ވިމެންގެ ރައީސާ، އަމީރާ ސަބީކާ ބިންތް އިބްރާހީމް އަލް ހާލިފާއާ ބައްދަލު ކުރައްވައިފިއެވެ.

Ads by Asuru

މި ބައްދަލުކުރެއްވުން އޮތީ، އިއްޔެ ހަވީރުއެެވެ.

މި ބައްދަލުކުރެއްވުމުގައި ފަޒްނާ ވަނީ އަމީރާ ސަބީކާ، ބަޙްރައިންގެ އަންހެނުންގެ ހައްގުތަކަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި ތައުރީފްކުރައްވާފައެވެ.

މިގޮތުން، އަމީރާ ސަބީކާ ބަހްރައިންގެ ސުޕްރީމް ކައުންސިލް ފޮރ ވިމެންގެ ޗެއަރގެ މަގާމުގައި ހުންނަވައިގެން އަންހެނުންގެ ހައްގުތައް ހޯއްދަވައި ދެއްވުމަށާއި، މިންތީގެ ހަމަހަމަކަމަށާއި، އަދި އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރި ބަޔަކަށް ހެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް އެކަމަނާ ފާހަގަކުރެއްވިއެވެ.

އަދި، އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތަކަށް ވަކާލާތު ކުރެއްވުމުގައި އަމީރާ ސަބީކާގެ ފަރާތްޕުޅުން ހިތްވަރު ލިބިވަޑައިގަންނަވާ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން ވަނީ، ދިރިއުޅުމުގެ ހުނަރުތަކާއި، އަންހެން ކުދިންނަށް ތައުލީމާއި،  މަސައްކަތް އުނގަންނައިދިނުން ފަދަ ދާއިރާތަކުން ދެ ގައުމުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުން ނިންމަވާލެއްވުމުގެ ކުރިން، ރައީސް ސޯލިހުގެ އަނބިކަނބަލުން ވަނީ އަންހެނުން ބާރުވެރިކުރުވައި، އަންހެނުންނަށް ކުރިމަތިވާ ތަފާތު ހުރަސްތައް ނައްތާލުމުގައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް ބަޙްރައިންގެ ފަރާތުން އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.