ސޯޝަލް މީޑިއާގެ އެކި މަންސަތަކުގެ ތެރެއިން، ދިވެހީންގެ ތެރޭގައި ވެސް އެންމެ ބޮޑަށް ވައިގައި ހިފައިފައިވާ އެކައްޗަކީ ”ޓިކްޓޮކް“އެވެ.
މަޖާ، ސީރިއަސް، އަދި މައުލޫމާތު ހިމެނޭ ވީޑިއޯތައް ހަދައި ޓިކްޓޮކްގައި އާއްމު ކުރުމަކީ ވަރަށް ގިނަ ދިވެހީންގެ މެދުގައި ވެސް މިހާރު އޮތް އާދައެކެވެ.
އާއްމުކޮށް ސޯޝަލް މީޑިއާ ބޭނުން ކުރާ މީހަކު ބުނީ، އޭނާ އަށް އެންމެ ގިނައިން ބެލެނީ ޓިކްޓޮކް ވީޑިއޯތައް ކަމަށެވެ. ވަކިން ހާއްސަކޮށް އޭގައި ހުންނަ ”ކޮމެޑީ“ ކޮންޓެންޓް ކަމުދާ ކަމަށް ބުންޏެވެ.
އަދިވެސް އިތުރު މީހެއްގެ ވާހަކަ ވެސް ހުރީ ހަމަ މިބީދައިންނެވެ.
އޭނާ ”ގޫގުލް ސާޗު“ ކުރުމުގެ ބަދަލުގައި ”ޓިކްޓޮކް“ ހާވައި، މައުލޫމާތު ހޯދާ ކަމަށް ބުންޏެވެ.
ކޮންމެއަކަސް، ސޯޝަލް މީޑިއާގެ އެކި މަންސަތަކުގެ ތެރެއިން، އިންސާނާގެ ބުއްދި އެއަށް ހުސްކޮށްލައި، ފަސޭހައިން ދެވި ހިފާ އެއްޗަކަށް ޓިކްޓޮކް ވަނީ ވެފައެވެ.
ޓިކްޓޮކަށް ދެވި ހިފާފައިވާކަން އެނގޭނީ ކިހިނެއް؟
”ފްރަންޓިއަރސް އިން ސައިކޮލޮޖީ ޖާނަލް“ އިން 2022 ވަނަ އަހަރުގައި ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ސޯޝަލް މީޑިއާގެ އެޕްތަކުގެ ތެރެއިން، އެންމެ ބޮޑަށް ދެވި ހިފާ އެއް އެޕަކީ ޓިކްޓޮކެވެ.
ޓިކްޓޮކަށް ދެވި ހިފާފައިވާނަމަ، އިރު އިރުކޮޅާ އެ އެޕް ހުޅުވައި، ބަލާލެވޭނެއެވެ.
ފޯނު އަތުގައި ޖެހޭ ކޮންމެ ފަހަރަކު ޓިކްޓޮކަށް ވަދެވި، ސްކްރޯލް ކުރުމުގައި އެތައް ވަގުތެއް ހޭދަ ކުރެވޭކަމަށް އަމިއްލައަށް ފާހަގަ ކުރެވޭނަމަ، ތިޔަ ވަނީ އެ އެޕަށް ހަމަ ރަނގަޅަށް ވެސް ދެވި ހިފައިފައެވެ. އަދި މި އެޕްގައި ގިނައިން ޕޯސްޓު ކުރާ ހިތް ވުމަކީ ވެސް ދެވި ހިފުމުން ފެނިދާނެ އަލާމާތެކެވެ.
މިއީ ގެއްލުން ހުރި ކަމެއް
ސޯޝަލް މީޑިއާގެ އެހެން މަންސަތަކޭ އެއްފަދައިން، ޓިކްޓޮކަށް ދެވި ހިފުމަކީ ވެސް އާއްމު ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.
އެގޮތުން ޓިކްޓޮކް ބޭނުން ކުރުމަށް ހޭދަ ކުރާ ގިނަ ވަގުތުގެ ސަބަބުން ދިރިއުޅުމުގެ މުހިންމު ކަންކަން ނުކުރެވި، އަގުހުރި އެތައް ވަގުތެއް ބޭކާރު ވެގެން ދެއެވެ. ހަގީގީ ދިރިއުޅުމާއި، ތިމާގެ ވަށައިގެން އުޅޭ މީހުންނާއި ކައިރީގައި ހުރެމެ، އެ މީހުންނާ ދުރުވެވެއެވެ.
މިއީ ނަފްސާނީ ގޮތުން ވެސް އަސަރު ކުރުވާނެ ކަމެކެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ތިބާ ޑިޕްރެޝަނަށް ގޮސް، ސްޓްރެސްވެ، މޫޑަށް އަވަސް އަވަހަށް ބަދަލު އައުން ވެސް އެކަށީގެންވެއެވެ.
ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދާ ކަމުގައިވާނަމަ، މި އެޕް ގިނައިން ބޭނުން ކުރުމަކީ އަދި އެހެން ކަމެކެވެ. ނަމަވެސް، ބޭކާރު ގޮތުގައި މި އެޕް ސްކްރޯލް ކުރެވި، ދީނީ ކަންކަމަށް ވެސް ފަރުވާ ކުޑަ ކުރެވޭނަމަ، އެއީ ދެރަ ކަމެކެވެ.
ހައްލަކީ ކޮބާ؟
ކޮންމެ އާދައަކީ ވެސް ބަދަލު ކުރެވޭނެ އާދައެވެ. އަހަރުމެންނަށް އޮތީ ނަފުސު ހިސާބުކޮށް، ތިމާއަށް ކުރެވޭ ކަންކަމާއި، އެއިން ލިބޭ ފައިދާއާއި މެދުގައި ވިސްނާ ފިކުރުކޮށް، އަމަލުތައް އިސްލާހު ކުރުމެވެ.
ސޯޝަލް މީޑިއާގައި މާ ގިނަ ވަގުތު ހޭދަ ކުރެވޭނަމަ، އެހެނިހެން ކަންކަމުން ތިބާގެ ދުވަހުގެ ޝެޑިއުލް ފުރައިލާށެވެ. އާއްމު ދިރިއުޅުމުގެ މުހިންމު ކަންކަމަށް ވަގުތު ހުސް ކުރާށެވެ. ރައްޓެހިންނާއި އާއިލާގެ މެމްބަރުންނާ ބައްދަލުކޮށް، އެކުގައި ގިނަ ވަގުތު ހޭދަ ކުރުމަށް އިސްކަންދީ، ދީނީ ކަންކަމަށް ހޭދަ ކުރާ ވަގުތު ވެސް އިތުރު ކުރާށެވެ.

