ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއަދު ހެނދުނު މީރުމާގައި ބޭއްވި މި ރަސްމިއްޔާތަށް ވަޑައިގަތުމުން އެ ކަމަނާއަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގައި، ރަޖިސްޓްރީކޮށްގެން ހިންގާ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި އެތަންތަނުގައި މަސައްކަތްކުރާ ފަންނުވެރިންނާއި އެތަންތަނަށް ހުއްދަދެވިފައިވާ ސިއްހީ ހިދުމަތް ފަސޭހަކަމާއި އެކީ ބަލާލެވޭގޮތަށް ފަރުމާކުރެވިފައިވާ ލައިސެންސިންގ ސޮފްޓްވެއަރ، ހެލްތު އެސްޓަބްލިޝްމަންޓް މެނޭޖްމަންޓް ސިސްޓަމް ވަނީ އިފްތިތާހު ކުރައްވާފައެވެ.

މި ލައިސެންސިންގ ސޮފްޓްވެއަރ، އިފްތިތާޙްކޮށްދެއްވީ ރައީސްގެ އަނބިކަނބަލުންނެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ޖޭ.ސީ.އައި ޕޭޝަންޓް ސޭފްޓީ ޗެމްޕިއަންސް ތަމްރީންކުރުމުގެ ޕްރޮގްރާމްވެސް އެކަމަނާ ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ.

މިއީ، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ތެރެއިން ބަލިމީހުންނަށް ބޭނުންވާ އަޅާލުމާއި، އޯގާތެރިކަމާއި ރައްކާތެރިކަންދެވޭކަން ކަށަވަރުކުރުމަށްޓަކައި ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.