ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތް ނެތިކޮށްލުމަށް ކަމަށް ބުނެ، އިޒްރޭލުގެ އަނިޔާވެރި ސިފައިން ޣައްޒާއަށް ދޭން ފެށި ހަމަލާތަކަށް ދެ އަހަރު ވެގެންދިޔައިރު، މި އުދުވާނީ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 65،000 އަށްވުރެ އިތުރު ވެއްޖެއެވެ.

އިޒްރޭލުގެ އަސްކަރީ ބާރުތަކުން އެއްގަމު މަގުން ޣައްޒާ ސިޓީގެ ތެރެއަށް ވަދެގަނެ، އެ ސިޓީގެ އުތުރުގައި އުޅޭ މީހުން ދެކުނަށް ބަދަލުވާން އިޒްރޭލުގެ އަސްކަރިއްޔާއިން މިހާރު ވަނީ އަންގައިފައެވެ.

ނަމަވެސް ކާބޯތަކެތީގެ ދަތިކަމާއި، އަމިއްލަ ގެދޮރު ދޫކޮށް ގޮސްފިނަމަ، ދެން އަނބުރާ ނާދެވިދާނެ ކަމުގެ ބިރަށް، ޣައްޒާގެ ރައްޔިތުން ތިބީ ގެދޮރު ދޫކޮށް ދާން ބޭނުން ނުވެފައެވެ. އެމީހުން އަމިއްލަ ފަސްގަނޑު ދޫކޮށް ދާކަށް ބޭނުމެއް ނުވެއެވެ.

އިޒްރޭލުން މިހާރު ވެސް ދަނީ ހުއްޓުމެއް ނެތި، ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދެމުންނެވެ.

މި ލާއިންސާނީ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށްލާފައިވާއިރު، ޝަހީދުންގެ އަސްލު އަދަދު 65،000 އަށްވުރެ އިތުރު ވާނެ ކަމަށް ޣައްޒާގައި މަސައްކަތް ކުރާ ރެސްކިޔު ވޯކަރުން ބުނެއެވެ.

ސަބަބަކީ، ޔަހޫދީންގެ ހަމަލާތަކުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުގައި އެތައްހާސް ބަޔަކު ތާށިވެފައިވާކަން ޔަގީން ކުރެވިފައި ވުމެވެ.

 

ަ