ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ކުރިހާ މަސައްކަތެއް ކުރީ، ފަތުރުވެރިކަން ހަލާކު ކޮށްލަން ކަމަށާއި، އެ ސިނާއަތް ކުރިއެރުވުމަށް އެ ޕާޓީން ކުރި ކަމެެއް ނޯންނާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކޮށް، މައިދޮރޯށި ކަމުގައިވާ އެއާޕޯޓް ބޭރުގެ ބަޔަކަށް ވިއްކާލީވެސް އެމްޑީޕީން ކަމަށެވެ.

”ކޮންކްރީޓް ތަރައްގީއަށް ވާތީ، ބްރިޖަށް ފާޑުކީ، ބްރިޖާ ދެކޮޅު ހެދީ، އަދި މީގެ ތެރެއިން ބައެއް މީހުން ތިބިކަންނޭނގެ، ބްރިޖަށް ނާރަންވެސް.“ ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީ ކުރަން ފެށި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް މަޝްރޫއުގެ ދަށުން އެޅި އައު ރަންވޭ އިއްޔެ ހުޅުވާފައިވާއިރު، މިކަމަށް އިޝާރާތް ކުރައްވާ އެމަނިކުފާނު ވިދާޅުވީ، މިއީ ރިބަން ކަނޑާ ސަރުކާރެއް ކަމަށާއި، ރައްޔިތުންނަށް ބޭނުންކުރާނެ ކާޑު ހުސްވިޔަސް، ނައިބު ރައީސް ފައިސަލް ނަސީމް ކަނޑުއްވާނެ ރިބަން ހުސްނުވާނެ ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން، 2018 ވަނަ އަހަރާ ހަމައަށް އެމަނިކުފާނު ކުރެއްވި ފަސް އަހަރުގެ ވެރިކަން ނިމުނުއިރު، ރިޒާވްގައި 800 މިލިއަން ޑޮލަރު ހުރި ކަމަށެވެ.

ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވެ ކުރި ކަމަކީ، 200 ބިލިއަން ރުފިޔާ ރައްޓެހިންނަށް ބަހާލުން ކަމަށާއި، ކޮރަޕްޝަނޭ ކިޔާފައި އެމްޑީޕީން ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.

ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ކުރުނބާ މޯލްޑިވްސްގައި ބޭއްވި ގާލާ އިވްނިންގައި ރާއްޖޭގެ ފަތުރުވެރިކަމަށް ހިދުމަތް ކުރެއްވި ކަމަށް ބުނެ، ކުރީގެ ތިން ރައީސުންނަށް އެވޯޑު ދިނެވެ. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ރައީސް ޔާމީނަށް މި އެވޯޑު ދީފައި ނުވާއިރު އެ އެވޯޑް ކުރީގެ ރައީސުން ކަމަށްވާ ރައީސް އިބްރާހިމް ނާސިރާއި، ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް މުހައްމަދު ނަޝީދަށްވެސް ވަނީ ދީފައެވެ.