އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންގެ ސިނގިރޭޓް ޑިއުޓީ ކުޑަކުރުމާއެކު، ވޭޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނާނެ ކަމަށް އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށް، ދުންފަތުގެ ބާވަތްތަކާއި ވޭޕްއިން ނަގާ ޑިއުޓީވެސް ބޮޑުކޮށްފައެވެ.

އަދި ދުންފަތުގެ ”ޖެނެރޭޝަނަލް ބޭން“އެއް ތަންފީޒު ކުރެއްވުމަށްޓަކައި، 1 ޖެނުއަރީ 2007 އިން ފެށިގެން ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ގަނެ ވިއްކުންވެސް ވަނީ މަނާކޮށްފައެވެ.

ފައްޔާޒު ވިދާޅުވީ މި ސަރުކާރުން ސިނގިރޭޓްގެ ޑިއުޓީ ބޮޑުކޮށް، ރާއްޖޭގައި ވޭޕް މަނާކުރުމަށް އެޅި ފިޔަވަޅުތަކަކީ ރައްޔިތުންނަށް ކުރިމަތިކުރި އުނދަގުލެއް ކަމަށާއި، އެ ޕާޓީއަށް ވެރިކަން ލިބިއްޖެނަމަ، ރައްޔިތުންގެ މަޝްވަރާއާއި އެއްކޮށް އެކަންކަން ބަދަލު ކުރާނެ ކަމަށެވެ.

ސިނގެރޭޓުގެ އަގު ބޮޑުކޮށް، ވޭޕް މަނާ ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމެވީ، ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށްޓަކައެވެ.

އެމްޑީޕީގެ ވެރިކަމެއްގައި، އެ ނިންމުންތައް ބަދަލު ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއިރު، ދުންފަތާ ދެކޮޅަށް ރާއްޖޭގެ ރައީސް މުއިއް‏‏ޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގުވަޒަން ކުރުމަށް އެމަނިކުފާނަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ދެއްވާ ހާއްސަ އެވޯޑެއް، މި އަހަރުގެ މެއި މަހު ވަނީ އަރުވައިފައެވެ.