އިންޑިއާގެ ކެރެލާގައި އިންސާނާގެ ”ސިކުނޑި ކައި ހުސްކޮށްލާ“ ނުރައްކާތެރި ބައްޔެއް ފެތުރެމުން އެބަދެއެވެ.

މިއީ ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ”ޕްރައިމަރީ އަމީބިކް މެނިންގޯ އެންސެފަލައިޓިސް“އެވެ.

ކެރެލާގައި މި ބަލި ޖެހިގެން، މިހައިތަނަށް 19 މީހަކު ވަނީ މަރުވެފައެވެ. އަދި މި އަހަރު 72 މީހަކަށް މި ބަލި ޖެހިފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރާ އަޅާބަލާއިރު، ދެ ގުނަ އިތުރު އަދަދެކެވެ.

މި ބަލި ފެތުރެނީ ތަޣައްޔަރު ވެފައިވާ ފެން، ނޭފަތަށް ވަދެ، ބަލި ފަތުރާ ޖަރާސީމު ހަށިގަނޑު ތެރެއަށް ވާސިލު ވުމުންނެވެ.

ކެރެލާގެ ސަރުކާރުން އަންނަނީ، އާއްމުން ބޭނުންކުރާ ފެންގަނޑުތައް ކްލޮރިނޭޓުކޮށް، އެމީބާ ފެތުރުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ. ކެރެލާ ސްޓޭޓުން އެންމެ ފުރަތަމަ މި ބަލި ފެނުނީ 2016 ވަނަ އަހަރުގައެވެ.

ޔޫއެސް ސެންޓަރ ފޮރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (‏ސީ.ޑީ.ސީ) އިން ބުނީ، މިއީ ވަރަށް މަދުން ނޫނީ ނުފެންނަ، އެކަމަކު އެހައިމެ ނުރައްކާތެރިކަން ބޮޑު ބައްޔެއް ކަމަށެވެ.

މި ބައްޔަށް ސިކުނޑި ކައި ހުސްކުރާ ބައްޔޭ ކިޔަނީ، މި އިންފެކްޝަނުގެ ސަބަބުން ސިކުނޑީގެ ޓިޝޫތައް ހަލާކު ކޮށްލާތީއެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި، ހުން އައުމާއި، ހޮޑު ލެވުމާއި، ފިޓު ޖެހުން އަދި ބޮލުގައި ރިއްސުން ހިމެނެއެވެ.

1962 ވަނަ އަހަރުން ފެށިގެން، މި ބަލީގެ 500އެއްހައި ކޭސް ރިޕޯޓު ކުރެވިފައިވެއެވެ. އެމީބާ އެންމެ ގިނައިން ފެނިފައި ވަނީ، ޔޫއެސް، އިންޑިއާ، ޕާކިސްތާނު އަދި އޮސްޓްރޭލިއާ އިންނެވެ.