ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް ރަސްމީކޮށް ފަށައިފިއެވެ.
މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެެއްގައި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
މި މުބާރާތް މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މިއަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން 1037 ބައިވެރިން ވާދަކުރެއެވެ.
އެއީ ބަލައިގެން ކުޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ފަރާތަކުންނާއި ހާފިޒުންގެ ގޮފީގައި 31 ހާފިޒުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ މުބާރާތަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަކާއެކު ސީދާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދެވޭ މުބާރާތެކެވެ.
މިއީ ގިނަ އަހަރުތަކެއް ފަހުން ދަޢުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މި މުބާރާތް ކުރިއަށް ގެންދެވޭ އަހަރެއްކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ވަނަތަކަށް ދޭ އިނާމުތައް ދެގުނައަށް އިތުރު ކުރުމަށް ނިންމަވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން މި އަހަރުގެ މުބާރާތުގައި ހާފިޒުންގެ ބައިގައި ބައިވެރިވި ބައިވެރިންގެ އަދަދުވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
އެގޮތުން މި މުބާރާތުގެ ހާފިޒުންގެ ބައިގައި 31 ހާފިޒުން ބައިވެރިވެފައިވެއެވެ.
ފާއިތިވެ ދިޔަ އަހަރު ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ހާފިޒުންގެ ބައިގައި ވާދަކޮށްފައިވަނީ 15 ބައިވެރިިންނެވެ.
މުބާރާތުގެ ކިޔެވުން ސަލްމާން ރަސްގެފާނު މިސްކިތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ 4 ވަނަ ފަންގިފިލާ އޮޑިޓޯރިމްގައެވެ.
އަދި ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ.

