ދިވެހިރާއްޖެއިން އަވަށްޓެރި އިންޑިއާ އަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރުގެ އިތުރު ދަރަންޏެއް ފަސްކޮށްދިނުމާ ގުޅިގެން، ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް އެ ގައުމަށް ޝުކުރު އަދާކުރައްވައިފިއެވެ.

އިންޑިއާއިން ވަނީ އެ ގައުމަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓީ-ބިލެއް ދެއްކުން ފަސްކޮށްދީފައެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ހަލީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖެއަށް ބޭނުންޖެހިފައިވާ ބަޖެޓް ސަޕޯޓު ލިބިފައިވާ ކަމަށެވެ.

ހަލީލު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރަށް ޝުކުރު އަދާކުރައްވާފައެވެ.

މިކަމުން އެނގިގެން ދަނީ، ދެ ގައުމުގެ ގާތް ގުޅުން ކަމަށާއި ފިސްކަލް ހަމަޖެހުން ގެނައުމަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް މިކަމުން އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް ހަލީލު ވިދާޅުވިއެވެ.

އިންޑިއާ އިން ވަނީ  މިދިޔަ މޭ މަހު ވެސް އެ ގައުމަށް ދައްކަންޖެހޭ  50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްފައެވެ.

މީގެ އިތުރުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވެސް ވަނީ 565 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހަމަޖައްސައިދެއްވާފައެވެ.