އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސިޔާސަތަކަށް ވަނީ ބޯންޖެހޭނެ ކަމަށް ވަކާލާތުކޮށް، ބޮވޭނެ ގޮތް ހަދައިދިނުން ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑައިރެކްޓަރު، އަބްދުލްމަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ، އެ ޕާޓީއަށް އަނެއްކާ ވެސް، ރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ، ދުންފަތުގެ ޑިއުޓީ ކުޑަކޮށް، ވޭޕް ބޭން އުވާލާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވުމާ ގުޅިގެންނެވެ.

ފައްޔާޒަށް ރައްދުދެއްވައި، މީސްމީޑިއާގައި މަތީން ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތަކަށް މިވަނީ “ ބޯނަމޭ. ބޮވެންޖެހޭނެޔޭ. ބޮވޭނެގޮތް ހަދައިދޭނަމޭ. ބޮވޭނެ ދޮރުތައް ހުޅުވައިދޭނަމޭ“ ކަމުގައެވެ.

މަތީން ވިދާޅުވީ، މިއީ ޒުވާނުންނާ ގައުމަށް ބޮޑުތަނުން ގެއްލުން ހުރި ފަނާކުރަނިވި ސިޔާސަތެއް ކަމަށެވެ.

”އަޅުގަނޑުމެން ތާއީދުކުރާ ސިޔާސަތަކީ: ނުބޮމޭ. ނުވެސް ބޯނަމޭ. ބޯނެކަމެއްވެސް ނެތޭ. ބޮވޭނެގޮތް ހަދައިދޭނެ ކަމެއްވެސް ނެތޭ. ބޯނޭ ދޮރުތައް ހުޅުވައިދިނުމެއްވެސް ނެތޭ.“ އޭނާ ވިދާޅުވިއެވެ.

ޒުވާނުންނަށް ފަހި ދިރިއުޅުމެއް ކަށަވަރު ކޮށްދީ ގައުމު ބިނާކުރެވޭނީ ބޯން ފުރުސަތުނުދޭ ސިޔާސަތު ތަންފީޒު ކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދުންފަތުގެ ޑިއުޓީ ރޭޓު ކުޑަކޮށް، ވޭޕް ބޭން ވެސް އުވައިލާނެ ކަމަށް ފައްޔާޒު ވިދާޅުވުމުން، އޭނާ އަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.