ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވައި، ކީރިތި ޤުރުއާނުގެ އިލްމު ފެތުރުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ގޮތުން ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ޤުރުއާން މުބާރާތް ބޭއްވިގެން މިދަނީ ދިވެހި ސަރުކާރުގެ ހަރަދުގައި ދައުލަތުގެ ބަޖެޓުން ހަރަދު ކުރެވިގެންކަމަށާއި މިއަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ ޤުރުއާން މުބާރާތް ކުރިއަށްދާނީ ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކަމަށް ރައީސް ނިންމަވާފައިވާކަމަށެވެ.
މީގެ އިތުރުން ރައީސްގެ ވައުދާއި އެއްގޮތަށް އިމާރާތް ކުރުމަށް މަސައްކަތް ކުރެވެމުންދާ ކީރިތި ޤުރުއާނާއި ބެހޭ ވަގުފް އިމާރާތުގެ ބިމުގެ ރަޖިސްޓްރީ މިހާރު ވުޒާރާއަށް ލިބިފައިވާކަމަށާއި މި އިމާރާތާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރުއާނުގެ އިލްމު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ދެވިގެންދާނެކަން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ރޭގެ ރަސްމިއްޔާތުގައި މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމުގެ 38 މުބާރާތުގެ ގަވާއިދު އިފްތިތާހު ކޮށްފައިވެއެވެ.
މިކަމަށް އަލިއަޅުވާލައްވައި މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ގަވާއިދުތަކަށް ބަދަލުތަކެއް ގެނެވެމުން ދަނީ މި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންގެ ލަފާއާއި އިރުޝާދާއެކު، ފުޅާކޮށް މަޝްވަރާ ކުރެވިގެންކަމަށާއި މިއީ މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމަށް ގެނެވިގެންދާ ބަދަލުތަކެއް ކަމަށެވެ.
ޝަހީމްގެ ވާހަކަފުޅުގައި ވަނީ ކީރިތި ޤުރުއާނުގެ ޢިލްމު މުޅި ރާއްޖޭގައި ފެތުރުމަށް ސަރުކާރާއި އާއްމު ރައްޔިތުންނާއި ވިޔަފާރިވެރިންނާއި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައެވެ.
އޭނާ ވިދާޅުވީ އިސްލާމްދީނާއި ކީރިތި ޤުރުއާނުގެ ރިސާލަތު ފެތުރުމަށް ގުޅިގެން މަސައްކަތްކުރުމަކީ މުހިއްމު އަދި އެކަމުގެ ސަބަބުން މުޅި މުޖުތަމަޢުއަށް ފައިދާ ކުރާނެ ކަމެއްކަމަށެވެ.
ޝަހީމްގެ ވާހަކަފުޅުގައި ވަނީ ބެލެނިވެރިންނާއި މުދައްރިސުންނަށްވެސް ހިއްވަރު ދެއްވާފައެވެ.
އެގޮތުން ޤުރުއާނުގެ ހިދާޔަތުގެ ތެރޭގައި ދަރިން ތަރުބިއްޔަތު ކުރުމަށްވުރެ ވަކިން ބޮޑު މާތް މަސައްކަތެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މިއަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން 1037 ބައިވެރިން ވާދަކުރެއެވެ.

