ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވައިއިދޭ ޗެނަލް ބްރިޖު ސަރަހައްދުގެ މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުން މިއަދުން ފެށިގެން މަނާކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ސަރަހައްދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރީ އެ ސަރަހައްދަަކީ ވަރަށް ގިނަ ބަޔަކު މޫދަށް އެރޭ ސަރަހައްދަކަށްވާތީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

މީގެއިތުރުން ޗެނަލް ބްރިޖު ސަރަހައްދުގެ މޫދަކީ ތިމާވެށި ހިމާޔަތް ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން މުރަކަ އިންދާ އާލާކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަކަށް ވުމަކީވެސް މިސަރަހައްދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރި ސަބަބެއް ކަމަށް އެޗްޑީސީން ބުންޏެވެ.

ޗެނަލް ބްރިޖު ސަރަހައްދުގައި ޖެޓްސްކީ އާއި ކުދި ޑިންގީތައް އާންމުކޮށް ދުއްވާތީ، ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށްފައިވެއެވެ.