ފޭސްބުކްގެ ނިއުސްފީޑް ބަލަމުންދަނިކޮށް، ދެ ޓީޗަރަކު މަދަހަ ކިޔާ މަންޒަރު ފެންނަ މި ވީޑިއޯއަށް ސަމާލުކަން ހުއްޓުނީ، އެ މަދަހަ ހުށަހެޅި ދެ ޓީޗަރުންގެ އަޑު ވެސް ރީތިވެފައި، ހުށަހަޅައިދިންލެއް ފުރިހަމަ ކަމުންނެވެ.
ދ.ހުޅުދެލީ ސްކޫލްގެ ފޭސްބުކް ޕޭޖަށް މީގެ ތިން ދުވަސް ކުރިން ދޫކޮށްލި މި ވީޑިއޯއަށް، މި ލިޔުން ޝާއިއު ކުރުމާ ހަމައަށް 60،000އަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ. އަދި 900 އަށްވުރެ ގިނަ ރިއެކްޝަންއާއެކު، 71 އަށް ވުރެ ގިނަ މީހުން ކޮމެންޓުވެސް ކޮށްފައިވެއެވެ. ފޭސްބުކްގެ އެކި ޕޭޖުތަކާއި، ޓިކްޓޮކްގައި ވެސް މި ވީޑިއޯ ވަނީ ވައިރަލްވެފައެވެ.
މިއީ ހުޅުދެލީ ސްކޫލްގައި ބެލެނިވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން، އިންޑިއާއަށް ނިސްބަތްވާ ދެ ޓީޗަރަކު ހުށަހަޅައިދިން މަދަހައެކެވެ.
ހުޅުދެލީ ސްކޫލްގެ ސްޓޭޖުގައި ”ފުރާނައިގެ ސިއްރެއް އެނގޭހޭ…“ މި މަދަހަ ވަރަށް ރީތިކޮށް ކިޔައިދިން އެ ދެ މީހުންނަކީ ބިދޭސީން ކަމެއް ވީޑިއޯ އަލަށް ފެންނަ މީހަކަށް ނޭނގިދާނެއެވެ.
ވަކިން ހާއްސަކޮށް، މަދަހަ ހުށަހެޅި އަންހެން ޓީޗަރު، ޝަރޮން ޖޯސް އަބާޔާއެއްލައި، ހިޖާބުވެގެން ހުރިއިރު، ދިވެއްސަކާ އެހައިމެ ވައްތަރެވެ.
އަދި އިންޑިއާ ބަޔަކަށްވެ، ދިވެހި ބަހުން، އެހައި ފުރިހަމަކޮށް މަދަހަ ހުށަހަޅައިދިނުމަކީ ވެސް އެ ދެމީހުންގެ ހުނަރުވެރިކަން ދައްކުވައިދިން ކަމެކެވެ.
މި ވީޑިއޯއަށް ކޮމެންޓު ކުރި ގިނަ މީހުން ވަނީ، ދެ ޓީޗަރުންގެ ހުށަހެޅުމަށް ވެސް ތައުރީފު ކޮށްފައެވެ.
މަދަހަ ހުށަހެޅުމުގައި ބައިވެރިވި ޝަރޮންއާ ”އަސުރުން“ ވާހަކަ ދައްކައިލީމެވެ. ހުޅުދެލީ ސްކޫލްގައި އެކައުންޓިން އުނގަންނައިދޭ 31 އަހަރުގެ ޝަރޮން ބުނީ، އޭނާއަށް އެންމެ އުނދަގުވީ މަދަހައިގެ ބައެއް ބަސްތައް ރަނގަޅަށް ކިޔަން ކަމަށާއި، އެކަމުގައި އެކުގައި މަސައްކަތް ކުރާ ބައެއް ޓީޗަރުންނާއި ދަރިވަރުންގެ ފަރާތުންވެސް އެހީތެރިކަން ލިބުނު ކަމަށެވެ.
ކިޔަން އިހްތިޔާރު ކުރި މަދަހައާ ގުޅޭގޮތުން ސުވާލު ކުރުމުން ޝަރޮން ބުނީ، އެ މަދަހަ ކިޔަން ނިންމީ އޭނާއާ އެކީގައި މަދަހަ ހުށަހެޅި ހުޅުދެލީ ސްކޫލްގައި އިނގެރޭސި ކިޔައިވައިދޭ، އުމުރުން 30 އަހަރުގެ އަބްދުލްރަޒަގް ކުރިން މަސައްކަތް ކުރި ސްކޫލްގައި ކިޔާފައިވާ މަދަހައަކަށްވާތީ، އެ މަދަހަ ކިޔުމަށް އޭނާ އެދުމުން ކަމަށެވެ.
އަދި މަދަހަ ރީތިކޮށް ކިޔުމަށް، އޭގެ ”އޮރިޖިނަލް“ މަދަހަ ވަރަށް ގިނައިން އަޑުއަހައި ތިން ހަތަރު ދުވަހު ޕްރެކްޓިސް ކުރި ކަމަށް ވެސް ޝަރޮން ކިޔައިދިނެވެ.
ޝަރޮން އަލަށް ދިވެހި މަދަހައެއް ހުށަހެޅި ނަމަވެސް، އޭނާ އަކީ ލަވަ ކިޔުމަށް ފަރިތަ މީހެކެވެ.

އަމިއްލަ ގައުމުގައި ލަވަ ކިޔުމުގެ ބައެއް މުބާރާތްތަކުގައި ވެސް ޝަރޮން ބައިވެރިއެވެ.
ހިންދީ، މަލަޔާލަމް، އަދި އިނގެރޭސި ލަވަ ވެސް އޭނާ ކިޔައިއުޅެއެވެ. ”ޝަރޮން މިއުޒިކް ޑައިރީސް“ ގައި އޭނާގެ ބައެއް ލަވަތައް ވަނީ ޕޯސްޓުކޮށްފައެވެ.
ޝަރޮން ބުނިގޮތުގައި، އެހައި ގިނަ ބަޔަކަށް މަދަހަ ކަމުދިޔުން ވީ އެ މީހުންނަށް ބޮޑު ހައިރާންކަމެއް ލިބިގެންދިޔަ ކަމަކަށެވެ. އަދި ހުޅުދެލީގެ މީހުންނާއި ދިވެހީންގެ ފަރާތުން ލިބުނު ތަރުހީބަށް އޭނާ ޝުކުރު އަދާކުރިއެވެ.

