ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިދިޔަ މަހުގައި، 150 މީހެއްގެ މައްޗަށް 193 ދައުވާ އުފުލައިފިއެވެ.

Ads by Asuru

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ދައުވާ ކުރަން ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ.

މިގޮތުން މަސްތުވާތަކެތި ބޭނުންކުރުމުގެ 61 ދައުވާ އާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ހަ ދައުވާ އާއި މަސްތުވާތަކެތި މުއާމަލާތު ކުރުމުގެ ތިން ދައުވާގެ އިތުރުން މަސްތުވާތަކެތި ޕެޑްލްކުރުމުގެ ދެ ދައުވާއެއް ވަނީ ކޯޓުތަކަށް ހުށަހަޅާފައެވެ.

ވައްކަން ކުރުމުގެ 20 ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ 14 ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ 14 ދައުވާ ވަނީ ކޯޓުތަަކަށް ހުށަހަޅާފައެވެ.

ޕީޖީ އޮފީހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު ދައުވާ ކުރުމަށް އެދި އެ އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަނަށް 214 މައްސަލަ ހުށަހެޅިއެވެ.